ހަފްތާ ބަންދުގައި ގިނައިރު ނިދުމަކީ ކަންނެތް ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ނަމަވެސް، ސައިންސްވެރިން މިހާރު ވަނީ މިއީ ސިއްހަތަށް ފައިދާހުރި ކަމެއްކަން ހާމަކޮށްފައެވެ. ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ހަފްތާގެ ރަސްމީ ދުވަސްތަކުގައި ނުނިދާ ހުންނަ ވަގުތުތައް، ބަންދު ދުވަސްތަކުގައި ފޫބެއްދުމަކީ ނުވަތަ "ކެޗް-އަޕް" ކުރުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.

ޗައިނާގެ ނޭޝަނަލް ސެންޓަ ފޯ ކާޑިއޯވަސްކިއުލާ ޑިޒީޒަސް އިން ކުރިއަށް ގެންދިޔަ މި ދިރާސާގައި 90،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ވަނީ ބޭނުންކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުގައި ހަފްތާ ބަންދުގައި އިތުރަށް ނިދާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 20 ޕަސަންޓު ކުޑަވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ މަސައްކަތުގެ ސަބަބުން ނުވަތަ ކިޔެވުމުގެ ސަބަބުން ހަފްތާ ތެރޭގައި އެކަށީގެންވާ ވަރަށް ނިދި ނުލިބޭ މީހުންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެކެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ނުނިދުމަކީ ލޭގެ ޕްރެޝަރު މަތިވުމާއި، ހަކުރު ބަލި އަދި ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ހަފްތާ ބަންދުގައި ލިބޭ "ބޯނަސް" ނިދީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އަރާމު ލިބި، ހަށިގަނޑުގެ ނިޒާމުތައް ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ. މީގެ ކުރިން ބައެއް ޑޮކްޓަރުން ލަފާދެއްވާފައި އޮންނަނީ ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ހޭލައި ނިދުމަށެވެ. ނަމަވެސް އާ ހޯދުންތަކުން އެނގޭ ގޮތުގައި ބަންދު ދުވަހު އިތުރަށް ނިދާލުމަކީ އޭގެ ގެއްލުމަށްވުރެ ފައިދާ ބޮޑު ކަމެކެވެ.

އެހެންކަމުން، ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު ހެނދުނު ތަންކޮޅެއް ލަހުން ހޭލެވުނަސް އެކަމާ ދެރަވެ، ކުށްވެރިވާކަށް ނުޖެހެއެވެ. އެއީ ތިބާގެ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ހަށިގަނޑު ކުރާ މުހިންމު މަސައްކަތެކެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ، އެންމެ ރަނގަޅު ގޮތަކީ ކޮންމެ ރެއަކު ވެސް 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނިދުން ކަމެވެ.