ހަށިގަނޑު ހިއްކުމަށާއި ދުޅަހެޔޮކޮށް ހުރުމަށް ދުވާލަކު 10،000 ފިޔަވަޅު ހަމަކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، ސައިންސްވެރިންގެ އާ ހޯދުންތަކުން މިއީ ކޮންމެހެން މަޖުބޫރު ކަމެއް ނޫންކަން ހާމަވެއްޖެއެވެ. "ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީ" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން، ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި އެންމެ 4،000 ފިޔަވަޅުން ވެސް ފުދެއެވެ.
މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 226،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ. އޭގެ ނަތީޖާ ދައްކާގޮތުން ދުވާލަކު 3،967 ފިޔަވަޅު އެޅުމުން ވެސް ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދުވާލަކު 2،337 ފިޔަވަޅު އެޅުމުން ވެސް ފުދޭ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ. މިއީ ވަގުތު ނުވެގެން ކަސްރަތު ނުކުރެވިފައި ތިބޭ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
ހަގީގަތުގައި 10،000 ފިޔަވަޅުގެ ވާހަކައަކީ ސައިންޓިފިކް ހޯދުމަކަށްވުރެ ބޮޑަށް، 1964 ވަނަ އަހަރު ޖަޕާނުގެ ކުންފުންޏަކުން ފިޔަވަޅު ގުނާ މެޝިނެއް ވިއްކުމަށް ބޭނުންކުރި މާކެޓިން އުކުޅެކެވެ. އެހެންނަމަވެސް، މި އަދަދު މަޝްހޫރުވެ، އެއީ ސިއްހީ މިންގަނޑެއް ކަމަށް ގިނަ ބަޔަކަށް ވަނީ ހީވެފައެވެ. ސައިންސްވެރިން ބުނަނީ ގިނައިން ހިނގި ވަރަކަށް ފައިދާ ބޮޑުވާނެ ކަމަށާއި، ނަމަވެސް ފަށައިގަންނައިރު ކޮންމެހެން އެހާ ގިނައިން ހިނގަން ނުޖެހޭ ކަމަށެވެ.
ބަރުދަން ލުއިކުރުމަށް ވިސްނާނަމަ، މުހިންމީ ހިނގާ އަދަދަށްވުރެ ބޮޑަށް ހިނގާ ގޮތެވެ. މަޑުމަޑުން ހިނގުމަށްވުރެ، ހިތުގެ ވިންދު އަވަސްވާ ވަރަށް "ބާރު ހިނގުމެއްގައި" އުޅުމުން ކެލޮރީ އަނދާ މިންވަރު އިތުރުވެއެވެ. އެހެންކަމުން، ދުވާލަކު 10،000 ފިޔަވަޅު ހަމަނުކުރެވުނަސް، ގަވާއިދުން ދުވާލަކު 15 ނުވަތަ 20 މިނެޓު ބާރަށް ހިނގާލުމުން ވެސް ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބިގެންދާނެއެވެ.
