ކާއެއްޗެއް ހޯދަން، ތައިލެންޑުގެ، ގެއެއްގެ ބަދިގެއަށް އެތެއް ވަދެއްޖެއެވެ.
ރޭގަނޑުގެ ވަގުތުގައި ގޭތެރެއިން ބާރު އަޑުފަށްގަނޑެއް އިވުމުން އެ ގޭގެ ވެރިފަރާތުން ގޮސް ބެލިއިރު އެގޭގެ ބަދިގެ ތެރޭގައި ހުރީ ބޮޑު އެތެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެގޭގެ ބަދިގެ ފަރާތު ފާރުގައި ލޯވަޅެއް ހެދިފައި ހުއްޓެވެ. އަދި އެތް ބަދިގެއަށް ވަނީ އެ ދިމާލުން ފާރު ފަޅާލާފައެވެ. އަދި ކާއެއްޗެއް ހޯދަން އެސޮރުގެ ނޭފަތް އެކި ތަންތަނަށް ހޫރަމުން ގެންދިޔަ ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.
އެގޭގެ ވެރިމީހާ ބުނީ އެ ސަރަހައްދުގައި އުޅޭ ވަލު އެތްތައް ކާ އެއްޗެހި ހޯދުމަށް އެ ހިސާބުގަނޑުގައި އުޅޭ މަންޒަރު ކުޑަ އިރުން ފެށިގެން ވެސް ފެންނަ ކަމަށެވެ. އަދި މިއީ ކާއެއްޗެއް ހޯދަން ގެއަށް ގެއްލުމެއް ދީގެން ވަތް ފުރަތަމަ ފަހަރުކަމަށް ގޭގެ ވެރި މީހާ ރަޗާޑަވަން ވަނީ ބުނެފައެވެ. އަދި އެ ހާދިސާ ހިނގި އިރު ބަދިގޭގައި އެއްވެސް ކަހަލަ ކާއެއްޗެއް ނުހުންނާނެ ކަމަށާއި، ނަމަވެސް އެތަނުގައި ހުރި ލޮނު ފުޅި ނަގަން އުޅުނު ކަމަށް ބެލެވޭ ކަމަށެވެ.
ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕާކް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންސަރވޭޝަނުން ބުނެފައިވަނީ ބަދިގެ ފަޅާލާފައި އެތް ވަނީ ކާއެއްޗެހީގެ ވަސް ދުވައިގެން ކަމަށާއި، އެތަކީ ފަތްޕިލާވެލީގެ ބާވަތް ކައި އުޅޭ ޖަނަވާރެއް ކަމުން، އެ ތަކެއްޗަށް މިނެރަލް ގިނަ އަދަދަކަށް ބޭނުންވާ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި މިފަދަ ހާދިސާތައް ހިނގާފައިގެންވެސް ރިޕޯޓްތައް ވަނީ ކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ތަޖްރިބާ ކާރުން ބުނަކީ އިންސާނުން އެތްތައް ދިރިއުޅޭ މާހައުލު ހަލާކު ކުރުމާއި، މާހައުލާއި މާ ކައިރީގައި ދިރިއުޅެމުން ދިއުމެވެ.
