މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ހޮޓެލިއަ މޯލްޑިވްސް އެވޯޑްސް 2026" އަދި "ޖީއެމް ފޯރަމް 2026" ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ. މިއީ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެއް ހަރަކާތް ކަމަށްވާ ހޮޓެލިއަ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ބައިވެރިވާ ދެވަނަ އަހަރެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ދިރާގުން ބުނީ، މި އާ ކުރެވުނު އެއްބަސްވުމާއެކު، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމުގައިވާ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުން އަނެއްކާވެސް ކަށަވަރުކުރެވިފައިވާ ކަމަށެވެ. މި ޕާޓްނަޝިޕްގެ މައިގަނޑު އަމާޒަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމާއި، ދާއިރާގެ އިސްވެރިންގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކަށް ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ހޮޓެލިއަ މޯލްޑިވްސް އެވޯޑްސްއަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑެވެ. މީގެ އިތުރުން، 12 ވަނަ ފަހަރަށް ބާއްވާ ޖީއެމް ފޯރަމް ވެގެންދާނީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ދާއިރާގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، ދާއިރާއަށް އަންނަ ބަދަލުތަކާއި، ގޮންޖެހުންތަކާއި، ލީޑަޝިޕް ހުނަރުތައް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ބުނީ، ޓޫރިޒަމް ސިނާއަތުގެ ކުރިއެރުން ބިނާވެފައިވަނީ އެ ދާއިރާގެ ފަހަތުގައި ތިބި ހީވާގި މުވައްޒަފުންގެ މައްޗަށް ކަމަށެވެ. އަދި ހޮޓެލިއަ މޯލްޑިވްސްއާއެކު އޮތް ގުޅުން ދެމެހެއްޓުމަކީ، މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށާއި، ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ހޮޓެލިއަ މޯލްޑިވްސްގެ އެޑިޓަރު އަލީ ނާފިޒް ބުނީ، ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ދިރާގާއެކު އޮތް ގުޅުން ދެވަނަ އަހަރަކަށް އާ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ބުނިގޮތުގައި މި އެވޯޑްސް އަދި ޖީއެމް ފޯރަމް އިތުރަށް ހަރުދަނާކުރުމުގައި ދިރާގުގެ އެއްބާރުލުން ނުހަނު މުހިންމު ދައުރެއް އަދާކުރާނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ހަރަކާތާ ގުޅޭ އިތުރު މައުލޫމާތާއި، ޕްރޮގްރާމްގެ ތަފުސީލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އާންމުކުރެވޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.