ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ސްޕެއިންގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުރި، މަޝްހޫރު ކޮމްޕިއުޓާ އެންޓި ވައިރަސް މެކަފީގެ ބާނީ، ޖޯން މެކަފީ މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވެއެވެ.

ޖަލުގެ ގޮޅީގައި އޭނާ ދަންޖެހިގެން އަމިއްލަ އަށް މަރުވީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީއަތް ކުރުމަށްޓަކައި، މެކަފީ އެމެރިކާ އަށް ފޮނުވައިލުމަށް، ސްޕެއިންގެ ހައި ކޯޓުން ހުކުމް ކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންގެ ކެޓެލޯނިއާ ޕްރޮވިންސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި، ބުނެފައިވަނީ އުމުރުން 75 އަހަރުގެ، އެމެރިކާ ރައްޔިތަކު، ޖަލު ގޮޅީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ކެޓެލޯނިއާ ސަރުކާރުގެ އިސް ވެރިއަކު ވަނީ، އެ ބަޔާނުގައި ހަވާލާދިފައިވަނީ، މެކަފީ އަށް ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުތަކާ ގުޅިގެން މެކަފީ ހައްޔަރުކުރީ، ސްޕެއިންގެ ބާސެލޯނާގެ އެއާރ ޕޯޓެއްގައި ހުއްޓައި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އެމެރިކާ އަށް މެކަފީ އަނބުރާ ފޮނުވައިލުމާ ގުޅޭ ގޮތުން މެޑްރިޑްގެ ކޯޓުގައި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި މެކަފީ ބުނީ، އޭނާގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި އެއީ، މިދިޔަ އަހަރު އޮތް އެމެރިކާގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރުމާ ގުޅިގެން، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.