ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވިލާތުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޖަރުމަނުގެ ޑާޓުއާއާއެކު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށްޓަކައި ހާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބާލިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ޖަރުމަނުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އަހަރަކު މަދުވެގެން 100,000 އަށް އެރުވުމެވެ. އަދި ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތުން، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ގެންދިއުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ. އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު، އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒާއެވެ.
ވީއެމްސީން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ރާއްޖެ އިޝްތިހާރުކުރުމަށް ދެ ފަރާތް ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އޭގެ ތެރޭގައި ސީޒަނަލް ޑިމާންޑަށް ބަލައި ހިންގާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި، ޓްރޭޑް އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެ މާކެޓްކުރުމުގެ ސްޓްރެޓެޖީތައް ވަރުގަދަކުރުމަށް ޑާޓުއާއިން ފަންނީ ލަފަޔާއި މާކެޓް އެކްސްޕަޓީޒް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޑާޓުއާއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ އަދި ރާއްޖޭގައި އިންވެސްޓްމަންޓްތައް ވެސް ހުރި ކުންފުންޏަކަށް ވާއިރު، މި ފަހުމުނާމާގެ ސަބަބުން ޖަރުމަނުގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް ވީއެމްސީން ދެކެއެވެ. އަދި މުހިންމު ތަފާސްހިސާބުތައް ހިއްސާކުރުމާއި، ސޭލްސް އެކްޓިވޭޝަންތައް ކުރިއަށް ގެންދިއުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބައިތަކެކެވެ.
