ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ވެރިރަށް ކަމަށްވާ އަބޫދާބީ އަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހިލޭ ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭން ފަށައިފިއެވެ.

އަބޫދާބީ އިން ދޫކުރާ ވިސާ ލިބިފައިވާ ފަރާތްތަކަށް، ހިލޭ ވެކްސިން ބުކް ކުރެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް، އެމިރޭޓްސްގެ ޕަބްލިކް ހެލްތު އިންފްރާސްޓްރަކްޗަރ ހިންގާ އަބޫދާބީގެ ހެލްތު ސާވިސެސް ކޮމްޕެނީއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެންޓްރީ ވިސާއާއި، ރެސިޑެންސީ ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ވެސް ހިލޭ ވެކްސިނަށް އެދެވޭނެ ކަމަށް އަބޫދާބީ މީޑިއާ އޮފީހާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިދިޔަ މަހު އަބޫދާބީގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަ އަދަދު އިތުރުވިއެވެ. އެހެންކަމުން އަބޫދާބީއަށް އެތެރެވުމުގައި ޚާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަބޫދާބީއަށް އެތެރެވާ މީހުން ކަރަންޓީނުވާންޖެހެއެވެ. އަދި ޕީސީއާރް ޓެސްޓެއްވެސް ހަދަންޖެހެއެވެ.

އަބޫދާބީއަށް އެތެރެވާ ފަތުރުވެރިންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވިޔަސް، ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލު ކަމުގައިވާ ދުބާއީ އާއި ޔޫއޭއީގެ އެހެން ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް މި ފުރުސަތު ފަހިކޮށްދީފައެއް ނުވެއެވެ.