ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އާ ދެ ސްކީމެއް އަންނަ މާޗު މަހުގެ ތެރޭގައި ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އާ ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. ހާއްސަކޮށް، ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގިނަ މީހުން ބައިވެރިވެގެން ނުވަތަ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، ވަކިވަކިން ގޯތި ބޭނުންވާ މީހުންނަށް މި ސްކީމުގެ ދަށުން ހައްލު ލިބިގެންދާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާންކުރައްވާފައިވާ ފަދައިން، މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1,000 ގޯއްޗެވެ. މި ގޯތިތައް ދޫކުރާނީ މިހާރު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުންނެވެ.

މި ސްކީމްތަކަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށް ގެންދާނެ ތާވަލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން މިކަމާ ގުޅޭ އުސޫލުތައް އާންމުކުރައްވާނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން މާޗު މަހުގެ ކުރީކޮޅު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.