ވައިގެ މަގުން ރާއްޖެއަށް 5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމްކޮށްފައިވަނީ އަބްދުލްލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ބަލޮޗްގެ ލަގެޖުން 5,000 ގްރާމް (5 ކިލޯ) ގެ ޑައިމޯފިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ އަމަލުތަކަށް ބަލާއިރު، މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޔަތުގައި އޭނާ ކޮށްފައިވާ ކަމެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް، ޖަލު ހުކުމުގެ މުއްދަތުން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ޖަލު ހުކުމުގެ އިތުރުން، ބޮޑު އަދަދަކުން އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ މީރާއަށް ދެއްކުމަށް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.
