އިންޑިޔާގެ ތަމިލްނާޑޫގެ ޒުލެއްގައި އޮތް ސިންގާއެއް ކޮވިޑަށް ފަރުވާކުރަމުން ދަނިކޮށް މަރުވެއްޖެއެވެ. މިއީ 12 އަހަރުގެ ސިންގާއެކެވެ.
މިހިނގާ ޖޫންމަހުގެ 3 ވަނަ ދުވަހު އެ ޒުލުގައި އުޅޭ ގިނަ ޖަނަވާރުތަކެއްގެ ކޮވިޑް ޓެސްޓް ހެދި އިރު، މި ސިންގާ ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި ސިންގާ އާއި އެކު ޖުމުލަ 7 ސިންގާއެއް އެދުވަހު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެއާއި އެކު އެ ސިންގާތަކަށް ދިއައީ ފަރުވާ ދެމުންނެވެ. ޖަނަވާރުތަކަށް ފަރުވާދެމުން ދިޔަ އޮތޯރިޓީއިން ބުނާ ގޮތުގައި އެ ހަތް ސިންގާގެ ތެރެއިން ތިން ސިންގާއެއް ބަލިން ރަނގަޅުވުމުގައި ކުރި ހޯދޭލެއް ވަރަށްވެސް ދަށެވެ. މަރުވި ސިންގާ އަކީ އޭގެ ތެރެއިން އެއް ސިންގާއެވެ.
މި ސިންގާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެ އޮތޯރިޓީއިން ވަނީ ކުރެވެން ހުރި ހުރިހައި ކަމެއް ކޮށްފައެވެ. ނަމަވެސް އެ ސިންގާގެ ހާލު ދެރަވެ އެންމެ ފަހުން މަރުވީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންސާނުންގެ ތެރޭގައި ފެތުރެމުން ދާ ކޮވިޑު ބަލި، ބައެއް ޖަނަވާރުތަކުންވެސް ފެންނަމުން ދާތީ، ޖަނަވާރު ގެންގުޅޭ މީހުންނާއި ޒޫތަކުން އައީ ސަލާމަތީ ފިޔަވަތުތައް އަޅަމުންނެވެ. މި ޒުލުގައިވެސް އެފަދަ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޒޫތަށް ބަންދުކުރުންވެސް ހިމެނެއެވެ. އަދި ތާމަލް ކެމެރާ ހަރުކޮށްގެން ޖަނަވާރުންގެ ހުން ހުންނަ މިންވަރު ދެނެގަނެވެންވެސް ފެށިއެވެ.
ކޮވިޑު ބަލީގައި އެތައް ފުރާނައެއް މި ދުނިޔެ ދޫކޮށްފައިވާއިރު އޭގެ ތެރެއިން އިންޑިޔާއަކީ އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެއް ގައުމެވެ. އަދި އެގައުމުގައި އައު ވޭރިއަންޓުތައް އުފެދޭލެއްވެސް މަދެއްނޫނެވެ. ބައެއް ދިރާސާވެރިން ދެކިލައްވާގޮތުގައި ޖަނަވާރުތަކަށް މި ބަލި ޖެހުމަކީ، ވައިރަހުގެ ޑީއެންއޭ މިއުޓޭޓްވެ އައު ވޭރިއަންޓުތައް އުފެދުމުގެ ފުރުސަތުބޮޑުވެއެވެ.
