ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވި "ފަހި ފްލެޓް" ތަކުގައި ގަވާއިދާ ޚިލާފަށް ކުނި އުކާލަމުންދާ ފަރާތްތަކާ މެދު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަރުކަށި ފިޔަވަޅު އަޅަން ފަށައިފިއެވެ. މިގޮތުން އެ ކޯޕަރޭޝަނުން ވަނީ އުސޫލާ ޚިލާފުވި ބަޔަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެހެން މީހުންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ކުނި އުކާލުމުގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރި ދެ މީހަކު މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން އެކަކު 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އަނެއް މީހާ ވަނީ 3,000 (ތިން ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިއީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ވެސް އިސްލާހު ނުވުމުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

އެފްޑީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވާން ފެށި ފަހުން، އެ ސަރަހައްދުގެ 13 ޓަވަރަކުން މިހާތަނަށް 460 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކްގެ ކުންޏެވެ. މި އަދަދުތަކުން އެކަނިވެސް ފްލެޓް ސަރަހައްދުގައި ކުނި އުކާލުމުގެ މައްސަލަ ބޮޑުވެފައިވާ މިންވަރު ހާމަވެއެވެ.

މި ފިޔަވަޅުތަކާއެކު އެ ކުންފުނިން ވަނީ، ހުރިހާ ފަރާތްތަކުން ވެސް ފްލެޓް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުނި އުކާލުމުގެ އުސޫލުތަކަށް އިހުތިރާމްކޮށް، ސާފުތާހިރު ދިރިއުޅުމެއް އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ދެމިތިބޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.