މި ނިމުނު 2024-2025 ވަނަ އަހަރުގެ އޯ-ލެވެލް އިމްތިހާނުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް ދުނިޔޭގެ ފެންވަރުގައި ރަން ވަނަތަކެއް ހާސިލްކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދީފިއެވެ. އެ ސްކޫލުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖުމްލަ 8 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ދުނިޔޭގެ "ޓޮޕް 10" ގައި ހިމެނިފައެވެ.
މި އިމްތިހާނުގައި އަހުމަދިއްޔާގެ ޖުމްލަ 10 ދަރިވަރަކަށް ވަނީ ފާހަގަކޮށްލެވޭ ފަދަ މަތީ ވަނަތައް ލިބިފައެވެ. ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އިތުރުން، އެއް ދަރިވަރަކު ވަނީ ވަކި މާއްދާއަކުން ރާއްޖެއިން އެންމެ މަތީ ވަނަ ހޯދާފައެވެ. އަދި އިތުރު ދަރިވަރަކަށް "ހައި އެޗީވްމަންޓް" އެވޯޑު ވެސް ލިބިފައިވާކަން ސްކޫލުން ވަނީ ފަހަގަކޮށްފައެވެ.
މިދިޔަ އޯގަސްޓް 19 ވަނަ ދުވަހު އޯ-ލެވެލް ނަތީޖާ ދޫކުރި ނަމަވެސް، މި ކާމިޔާބީތައް ރަސްމީކޮށް ފާހަގަކުރަމުން މިދަނީ ނަތީޖާގެ "ރީ-ޗެކިން" ނުވަތަ އަލުން ބެލުމުގެ މަރުހަލާ ނިމުމާ ގުޅިގެންނެވެ. މިހާރު ސްކޫލްތަކުން ދަނީ މި ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކޮށް، އެކުދިންނަށް މަރުހަބާ ކިޔަމުންނެވެ.
އަހުމަދިއްޔާގެ އިތުރުން، މާލެއާއި އަތޮޅުތެރޭގެ އެހެން ސްކޫލްތަކުގެ ދަރިވަރުން ވެސް ވަނީ މި ފަހަރުގެ އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ނަމަވެސް އެއް ސްކޫލަކުން މިހާ ގިނަ އަދަދެއްގެ ދަރިވަރުން ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
