އިސްލާމްދީނުގައި ހަސަދަވެރިކަމަކީ ހަމައެކަނި އިންސާނީ އިހުސާސެއް ނުވަތަ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމެއް ނޫނެވެ. އެއީ އިންސާނާ އެތެރެހަށިން ހަލާކުކޮށްލާ ހިތުގެ ނުރައްކާތެރި ބަލިމަޑުކަމެކެވެ. ހަސަދަވެރިޔަކު ބޭރުފުށުން އާދައިގެ މީހަކާ އެއްގޮތްވެދާނެއެވެ. ނަމަވެސް، އެމީހާގެ އެތެރެހަށީގައި ވަނީ އެހެން މީހުންނަށް ލިބޭ ނިޢުމަތްތަކާ މެދު އުފެދޭ ނުތަނަވަސްކަމާއި، އަބަދުވެސް ތިމާއާއި އެހެން މީހުން އަޅާކިޔުމުގެ ހިތްދަތިކަމެވެ.
މިކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ (ޞޢވ) ޙަދީޘް ކުރައްވާފައިވެއެވެ.
"ތިޔަބައިމީހުން ހަސަދަވެރިކަމާ މެދު ސަމާލުވާށެވެ! ފަހެ، ހަމަކަށަވަރުން އަލިފާން ދަރުތައް އަންދައި ހުސްކޮށްލާ ފަދައިން، ހަސަދަވެރިކަން ހެޔޮކަންތައްތައް (ޘަވާބު) ކައި ހުސްކޮށްލައެވެ." (ސުނަން އަބީ ދާވޫދު)
ހަސަދައިގެ ޙަޤީޤަތް
އިސްލާމްދީނުގައި ހަސަދައަކީ ހަމައެކަނި އެހެން މީހަކަށް ލިބިފައިވާ އެއްޗެއް ތިމާއަށް ލިބުމަށް އެދުމެއް ނޫނެވެ. އޭގެ ނުރައްކާތެރިކަން ބޮޑުވަނީ، އެހެން މީހަކަށް ލިބޭ ކާމިޔާބީއެއް ފެނުމުން ހިތްހަމަނުޖެހުން އުފެދި، އެމީހަކަށް ލިބިފައިވާ އުފާވެރިކަން، ރީތިކަން، މުއްސަނދިކަން ނުވަތަ އިއްޒަތް ނެތިގެން ދިއުމަށް ހިތުން އެދުމުންނެވެ. މާތް ﷲ ވަނީ މިފަދަ މީހުންގެ ސިފަ ބަޔާންކުރައްވައި ސޫރަތުއް ނިސާގެ 54 ވަނަ އާޔަތުގައި ވަޙީކުރައްވާފައެވެ.
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِن فَضْلِهِ
މާނައީ: "ނުވަތަ ﷲ، އެކަލާނގެ ފަޟްލަވަންތަކަމުގެ ތެރެއިން މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު، އެއުރެން މީސްތަކުންނަށް ހަސަދަވެރިވަނީ ހެއްޔެވެ؟"
އެސްފީނާއާއި ހަސަދަ
އެސްފީނާއަކީ ވެސް އިސްލާމްދީނުގައި ސާބިތުވެފައިވާ، ހަސަދައާ ގުޅިފައިވާ ކަމެކެވެ. ރަސޫލާ (ޞޢވ) ޙަދީޘް ކުރައްވާފައިވެއެވެ. "އެސްފީނާއަކީ ޙައްޤެކެވެ." (ޞަޙީޙު މުސްލިމް). މީހަކަށް ލިބިފައިވާ ނިޢުމަތަކަށް ހަސަދަވެރިކަމާއެކު ނުވަތަ ނުބައި ނަޒަރަކުން ބަލާ ބެލުމުގެ ސަބަބުން އެ ނިޢުމަތަކަށް ގެއްލުން ލިބިދާނެއެވެ. އެހެންކަމުން، ހަސަދަވެރިންގެ ނުބައިކަމުން ރައްކާތެރިވުމަށް އެދި ދުޢާކުރުމަށް ﷲ ވަނީ އަންގަވާފައެވެ.
ފަލަޤު ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.
وَمِن شَرِّ حَاسِدٍ إِذَا حَسَدَ
މާނައީ: "އަދި ހަސަދަވެރިޔާ ހަސަދަވެރިވާހިނދު، އޭނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ."
އިޖުތިމާޢީ ގުޅުންތަކަށް އޮތް ހުރަހެއް
ދިރިއުޅުމުގެ ތެރޭގައި ހަސަދަވެރިކަން ފާހަގަވާނެ ބައެއް އަލާމާތްތައް ހުރެއެވެ. އޭގެ ތެރޭގައި، މީހަކު ހޯދާ ކާމިޔާބީތަކުގެ އަގު ވައްޓާލުން، އުފާވެރި ޚަބަރެއް ލިބުމުން މޫނުމަތިން ނުތަނަވަސްކަން ފެނުން، ނުވަތަ ނަސޭހަތުގެ ނަމުގައި މީހާ މާޔޫސްކޮށްލަން ވާހަކަދެއްކުން ހިމެނެއެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ލޯތްބަށް މިކަމުގެ ސަބަބުން ބުރޫއަރައެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ (ޞޢވ) އިރުޝާދު ދެއްވާފައިވެއެވެ.
ރައްކާތެރިވުމާއި ފަރުވާ
އިސްލާމްދީން މިކަމުގައި ގެންގުޅެނީ މެދުމިނުގެ އުސޫލެކެވެ. ކޮންމެ ދަތިކަމަކީ އެސްފީނާއެއް ނޫނެވެ. ނަމަވެސް، ރޫޙާނީގޮތުން ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށާއި، ކޮންމެ ކޮންމެ ނިޢުމަތެއް އާންމުންގެ ތެރެއަށް ހާމަނުކުރުމަށް ދީން ބާރުއަޅައެވެ. އަދި ތިމާގެ ހިތް ސާފުކޮށް ބެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެހެނީ ހަސަދަވެރިކަމަކީ އެންމެ ފުރަތަމަ ހަސަދަވެރިޔާ އަންދާލާ އެއްޗެކެވެ.
އެހެންކަމުން، އެހެން މީހުންނަށް ލިބޭ ނިޢުމަތްތަކަށް ބަރަކާތް ލެއްވުން އެދި ދުޢާކުރުމާއި ("މާޝާﷲ، ބާރަކަﷲ" ކިޔުން)، ތިމާގެ ހިތުގައި އުފެދޭ ހަސަދައިން ސަލާމަތްކޮށްދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދެންނެވުން މުހިންމެވެ.
