ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމަށާއި، ދިވެހިންނަށް ޔޫރަޕްގެ ގައުމުތަކުން އޮން-އެރައިވަލް ވިސާ ހޯދުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ. ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމަށެވެ. އެގޮތުން ޔޫރަޕްގެ ބާޒާރުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުސަތުތައް އިތުރުކުރުމަށާއި، އިމްޕޯޓް ޓެކުހާއި އިންވެސްޓްމަންޓްތައް ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައެވެ.

މި ޑައިލޮގްގައި ޑިމޮކްރެޓިކް ގަވަނަންސް، އިންސާނީ ހައްގުތައް، އަދި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އީޔޫއާއި ރާއްޖެއިން ވަނީ ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު ހަރަކާތްތެރިވާ މަދަނީ މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން "ސަމޯއާ އެގްރީމެންޓް" ގައި ސޮއިކުރުމަށްފަހު، "މޯލްޑިވްސް - އީޔޫ ޕާޓްނަޝިޕް ޑައިލޮގް" ގެ ނަމުގައި ރަސްމީކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައޯލާ ޕަމްޕަލޯނީއެވެ.