އެމެރިކާގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚްސިއްޔަތުންގެ ލިސްޓުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ. މިއީ ދުނިޔޭގެ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ މެގަޒިންއިން ނެރުނު ތިންވަނަ އަހަރީ ލިސްޓެވެ.

ރައީސް ޑރ. މުއިއްޒު މި ލިސްޓުގައި ހިމެނިވަޑައިގަތީ، ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ވަކިން ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ.

"ޓައިމް" މެގަޒިންއިން ފާހަގަކޮށްފައިވާ ގޮތުގައި، ދުންފަތާ ދެކޮޅަށް ރައީސް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅައި، 2007 ވަނަ އަހަރަށްފަހު އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް ގާނޫނަށް ގެނައި ތާރީޚީ ބަދަލު އެ މެގަޒިންއިން ފާހަގަކޮށްފައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މީގެ ކުރިން އެމަނިކުފާނަށް ހާއްސަ އެވޯޑެއް އަރުވާފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސިއްހީ ސިޔާސަތުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.