ސްޓެލްކޯގެ މައި މަރުކަޒަށް ހުއްދަ ނެތި ވަދެ އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެއްކި ބަހަނާއިން ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އަޙްމަދު ޝަހީދު ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ސްޓެލްކޯގެ އިމާރާތަށް ވަން ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ "މުރަނގަފަތް ބިންނަން" ބޭނުންވެގެން ކަމަށެވެ. ވައްކަން ކުރުމުގެ ނިޔަތެއް ނެތް ކަމަށް ދެއްކުމަށް އޭނާ މަސައްކަތް ކުރި ނަމަވެސް، މިއީ ގަބޫލުކުރަން ދަތި ވާހަކައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި ޝަހީދަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ، ފުލުހުންނަށް ފާހަގަކުރެވިފައިވާ ފަރާތެކެވެ. ސްޓެލްކޯ ފަދަ ސެކިއުރިޓީ ބަލަހައްޓާ މުހިންމު ތަނަކަށް ހުއްދަ ނެތި ވަނުމަކީ ކުށެއް ކަމަށްވާތީއާއި، އޭނާގެ ކުށުގެ މާޒީއަށް ބަލައި، ގާޒީ ވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ނިންމަވާފައެވެ.
އެގޮތުން، ކޯޓުން ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ޝަހީދުގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
