ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާއަށް ލޯރެންސް ބިޝްނޯއީ ގޭންގުން މަރުގެ އިންޒާރު ދީފިއެވެ. މިއީ ފަހަކަށް އައިސް ބޮލީވުޑްގެ ތަރިންނަށް އަމާޒުކޮށް މި ގޭންގުން ދެމުންދާ އިންޒާރުތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މި އިންޒާރާ ގުޅިގެން އާޔޫޝްގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އާޔޫޝްއަށް މި އިންޒާރު ލިބިފައިވަނީ ފޯނު ކޯލެއް މެދުވެރިކޮށެވެ. ސަލްމާން ހާންއާ ގާތް ގުޅުމެއް އޮންނަ ކޮންމެ މީހަކަށް ވެސް ހަމަލާދޭނެ ކަމަށް ބުނެ، އެ ގޭންގުން ވަނީ ބިރުދައްކާފައެވެ. އަދި އާޔޫޝް މަގުމައްޗަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އިންޒާރު ދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މި މައްސަލަ މިހާރު މުމްބާއީ ޕޮލިހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން މަޝްހޫރު އެކްޓަރު ރަންވީރު ސިންގަށް ވެސް މި ގޭންގުން އިންޒާރު ދީފައިވާކަން ފާހަގަކޮށްލެވެއެވެ. ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ހާން މަރާލާނެ ކަމަށް ބުނެ އިންޒާރު ދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޭންގުގެ އަމާޒު މިހާރު ވަނީ ސަލްމާންގެ އިތުރުން އޭނާގެ އާއިލާއާއި ގާތް އެކުވެރިންނަށް ވެސް ފުޅާކޮށްފައެވެ.
