ނޮޓިންހަމް ފޮރެސްޓްގެ ހެޑް ކޯޗުގެ މަގާމުން ހަތަރު މަސް ދުވަހުގެ ތެރޭގައި، ޝޯން ޑައިޗް ވަކިކޮށްފައެވެ. 

ޑައިޗްގެ އިރުޝާދުގެ ދަށުން ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ބައްދަލުކޮށް 0-0 އިން ވަނީ އެއްވަރުވެފައެވެ. 

ފޮރެސްޓްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި އެ ޓީމުން ގޯލަށް ނުރައްކާކޮށް 35 ހަމަލާ އުފެއްދިއިރު، އެ ޓީމުން ވަނީ ގޯލަށް އަމާޒުކޮށް 10 ހަމަލާ ފޮނުވާލައިފައެވެ. އެހެންނަމަވެސް، ފޮރެސްޓަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ޑައިޗްގެ އިރުޝާދުގެ ދަށުން ފޮރެސްޓުން ހުރިހާ މުބާރާތްތަކެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ތިން މެޗެވެ. މިހާރު ތާވަލުގެ 17 ވަނައިގައި އެ ޓީމު އޮތްއިރު، ރެލިގޭޝަން ޒޯނާ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓުގެ ފަރަގެކެވެ.

ޑައިޗް އަކީ ފޮރެސްޓްގެ ކޯޗުގެ މަގާމުން މި ސީޒަނުގައި ވަކިކުރި ތިންވަނަ ކޯޗެވެ. މީގެކުރީން، އެ ޓީމުން ވަނީ ނޫނޯ އެސްޕިރިޓޯ ސަންޓޯ އާއި އަންގޭ ޕޮސްޓެކޮގްލޫ ވެސް މަގާމުން ދުރު ކޮށްފައެވެ.

ޑައިޗް މަގާމުން ވަކިކުރިކަން ފޮރެސްޓުން ކަށަވަރުކޮށްދިނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މީޑިއާ ހަބަރުތައް ބުނާގޮތުން، ފޮރެސްޓްގެ ކޯޗުގެ މަގާމަށް ދެން ގެންނާނެ ކަމަށް ބެލެވެނީ ވުލްވްސްގެ ކުރީގެ ކޯޗު، ވިޓޯ ޕެރޭރާ އެވެ.