އާސެނަލްގެ ފޯވާޑް، ކައި ހަވާޓްޒް އަށް އަނިޔާވެ، ކުރިއަށް އޮތް މެޗުތަކުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ހަވާޓްޒްގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިމިވާ އަނިޔާގެ ސަބަބުން މި މަހުގެ 22 ވަނަ ދުވަހު ވާދަވެރި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް އާސެނަލް ކުޅުމަށް ހަމަޖެހިފައިވާ 'ލަންޑަން ޑާބީ' މެޗުގައި ނުކުޅެވޭނެ އެވެ.
ނިމިދިޔަ 2025 ވަނަ އަހަރުގެ ބޮޑު ބައެއް އަނިޔާގައި ހޭދަކުރުމަށްފަހު، ޖަރުމަނުގެ ގައުމީ ޓީމުގެ މި ކުޅުންތެރިޔާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ މަހުއެވެ. އަނިޔާއިން އެނބުރިއައިސް ރަނގަޅު ފޯމެއްގައި ހުރި ހަވާޓްޒް ވަނީ، އާސެނަލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ކުޅެ ދެ ލަނޑުޖަހައި، އިތުރު ދެ ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. މީގެތެރެއިން، އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އޭނާގެ ކުރީގެ ޓީމު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ނިމެންދަނިކޮށް ކާމިޔާބުކުރި ގޯލަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
މި ފަހަރުގެ ސީޒަނުގެ ޕްރިމިއާ ލީގު ހިމެނޭހެން ހުރިހާ މުބާރާތެއްގެ ތައްޓަށް ވާދަކުރަމުން އަންނަ އާސެނަލަށް ވާދަވެރި ޓޮޓްނަމްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީން ދެން އެންމެ އަވަހަށް އޮތީ ބްރެންޓްފޯޑާ ދެކޮޅަށް ލީގުގައި ރަށުން ބޭރުގައި ކުޅެންޖެހޭ މެޗެވެ. އެއަށްފަހު، އެފްއޭ ކަޕްގައި ވިގަން އެތުލެޓިކާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗުގެ އިތުރުން، ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ހަވާޓްޒް އަށް ބައިވެރިނުވެވޭނެ އެވެ.
