ކުޑަކުދިން ރޮއި، ބޮޑާހާކަން ފެށުމުން އެކުދިން މައިތިރިކުރުމަށްޓަކައި އަތަށް ސްމާޓް ފޯނު ނުވަތަ ޓެބްލެޓް ދިނުމަކީ މިހާރަކަށް އައިސް ގިނަ މައިންބަފައިން ކުރާ ކަމެކެވެ. ނަމަވެސް، ކެނެޑާގެ ސައިންސްވެރިން ހެދި އާ ދިރާސާއަކުން ދައްކާ ގޮތުގައި، ސްކްރީން ބެލުމަށް ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ވާހަކަދެއްކުމުގެ ހުނަރު ތަރައްގީވުން ލަސްވެ، ސިކުނޑީގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކުރެއެވެ.
މިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން، އުމުރުން ހަ މަހާއި ދެ އަހަރާ ދެމެދުގެ ކުދިން ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު އިތުރުވާ ވަރަކަށް، އެކުދިން ވާހަކަދައްކަން ފެށުން ލަސްވުމުގެ ފުރުސަތު ބޮޑުވެއެވެ. 2025 ވަނަ އަހަރު އާންމުކޮށްފައިވާ ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ދުވާލަކު 4 ގަޑިއިރަށްވުރެ ގިނައިން ސްކްރީން ބަލާ ކުދިންގެ ތެރެއިން 40 ޕަސަންޓު ކުދިންނަށް ވާހަކަދެއްކުމުގެ މައްސަލަތައް (ސްޕީޗް ޑިލޭ) ކުރިމަތިވެއެވެ. އަދި ސްކްރީން ބަލާ ވަގުތު އިތުރުވާ ކޮންމެ 30 މިނެޓަކުން، ވާހަކަދެއްކުން ލަސްވުމުގެ ނުރައްކާ 2.6 ގުނަ އިތުރުވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އެމެރިކާގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އެލިސާ ކޯހެން ވިދާޅުވި ގޮތުގައި، "ކުދިން އެންމެ ރަނގަޅަށް ހެދިބޮޑުވަނީ އާއިލާއާއެކު ހޭދަކުރާ ވަގުތުތަކުގައެވެ. ކެއުމުގެ ވަގުތު ފަދަ މުހިންމު ގަޑިތަކަކީ 'ސްކްރީން-ފްރީ' ނުވަތަ ފޯނާ ދުރު ވަގުތުތަކެއްގެ ގޮތުގައި ކަނޑައެޅުން ވަރަށް މުހިންމެވެ." ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި ފޯނުން ދައްކާ ވީޑިއޯއަކަށްވުރެ، މައިންބަފައިންގެ މޫނު ފެނި، އެމީހުންގެ އަޑު އިވުމުން ކުދިންގެ ސިކުނޑީގެ ނިއުރޯންތައް މަސައްކަތްކުރާ މިންވަރު މާ ބޮޑެވެ.
ކެނެޑިއަން ޕީޑިއަޓްރިކް ސޮސައިޓީ އާއި އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްގެ އެންމެ ފަހުގެ ގައިޑްލައިންތަކުގައި ލަފާދީފައިވަނީ އުމުރުން 18 މަސް ނުވަތަ 2 އަހަރު ވަންދެން ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ނުދެއްކުމަށެވެ. އަދި 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު 1 ގަޑިއިރަށްވުރެ ގިނައިން ފޯނު ނުދިނުމަށް ވަނީ އަންގާފައެވެ. އެހެންކަމުން، ކުދިންނާއެކު ކުޅިވަރު ކުޅުމާއި ފޮތް ކިޔައިދިނުން ފަދަ ކަންކަމަށް އިސްކަންދިނުމަށް މާހިރުން އިލްތިމާސްކުރެއެވެ.
