ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ސަސްޕެންޑްކޮށްފިއެވެ. މިއީ ޗައިނާ މީހެއްގެ މުދާ ކަމަށްވާއިރު، މި މައްސަލައިގައި ފުލުހުންގެ އޮފިސަރުގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ވައްކަން ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ތުހުމަތުކުރެވޭ ފަރާތްތަކުން ވަނީ މަކަރާއި ހީލަތުން ވެރިފަރާތަށް އޮޅުވާލައިގެން، ތިލަފުށިން މާލެއަށް މުދާތައް ގެނެސް، މާލޭގެ ދެ ގެއެއްގައި އެ ތަކެތި ފޮރުވާފައެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ތަންތަން ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، ތުހުމަތުކުރެވޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. އަދި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ގެންދަނީ އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ވަކިން ބަލަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި މުދާތައް ހޯދުމަށް އެދި ތުހުމަތުކުރެވޭ ފަރާތުން މިދިޔަ މަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން ނިންމާފައިވަނީ އެ ތަކެތި ފުލުހުންނަށް ހިފެހެއްޓޭނެ ކަމަށެވެ. އެހެންކަމުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަފާގެ މަތިން، މި ހުއިފިލަނޑާތައް ނީލަން ކިޔުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.