ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ގައުމީ އެއާލައިން މޯލްޑިވިއަނުން އއ. ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް މިއަދު ފަށަން ނިންމައިފިއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުމުގެ ގޮތުން ފެށި ހިދުމަތެކެވެ.
މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި، ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ބާއްވާނީ ހަފުތާއަކު ދެ ދުވަހުއެވެ. ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްގެ ވިޔަފާރި ވަރަށް ފުޅާކޮށް ހިންގަމުން އަންނަ ތޮއްޑޫއަށް މި ހިދުމަތް ފެށުމުން، އެ ރަށުގެ އިގްތިސާދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ފަތުރުވެރިންނަށް ރަށަށް އައުމަށާއި ފުރައިގެން ދިއުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ރައީސް ޑރ. މުއިއްޒު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އެދެމުންދާ އެއް ކަމަކީ ދަތުރުފަތުރު ފަސޭހަވުމެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މި ކަންބޮޑުވުންތައް އަޑުއައްސަވައި، ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މިއަދު ތޮއްޑޫގައި މި ފެށުނު ހިދުމަތަކީ އެ ވައުދުގެ އަމަލީ ނަތީޖާއެވެ.
މީގެ ކުރިން މޯލްޑިވިއަނުން ވަނީ ނ. ވެލިދޫއަށް ވެސް ސީޕްލޭންގެ ހިދުމަތް ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިފަދަ މުހިންމު ރަށްރަށަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ރަށްރަށުގެ ތަރައްގީ ހަލުވިކުރުމެވެ.
