ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އާ ޕްރޮގްރާމަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. މި އާ ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދަކީ މީގެ ކުރިން ގުޅިގެން ނުވަތަ "ޖޮއިންޓް" ކޮށް ގޯތި ލިބުނު ފަރާތްތަކަށް، ވަކިން ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން އިއުލާންކުރައްވާފައިވާ ގޮތަށް، މި ޕްރޮގްރާމުގެ ދަށުން ރަސްމާލެއިން 1,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމަށް ކުރިމަތިލެވޭނީ މާލެ ސަރަހައްދުގައި އާއިލީ ތަނެއް ހުރި ނަމަވެސް، ވަކި ފަރުދެއްގެ ނަމުގައި ބިމެއް ނެތް މީހުންނަށެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި މިއީ މުޖުތަމައުގައި ހުރި ބޯހިޔާވަހިކަމުގެ ދަތިކަމާއި އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާ މުހިންމު އިނިޝިއޭޓިވެއް ކަމަށެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިނަ ބަޔަކަށް ގޯތި ލިބުނީ ގުޅިގެން ކަމަށްވާތީ، އޭގެ ސަބަބުން ދިމާވެފައިވާ ދަތިތައް މި އާ ޕްރޮގްރާމުގެ ތެރެއިން ހައްލުވެގެންދާނެއެވެ. އެގޮތުން، ޖޮއިންޓް ވެގެން ގޯތި ލިބުނު މީހުންނަށް، އެމީހުންގެ ބައި ވަކިކޮށް، އަމިއްލަ ނަމުގައި ގޯތި ހޯދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ފަހިވެގެންދާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.
