މާލޭގެ މައި ބައެއް މަގުތައް ހިމެނޭ ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައިވާ ގޮތުގައި، ކަރަންޓު ކެނޑޭނީ ސައްޔިދުކިލެގެފާނު މަގު، ޝަހީދު ކުޑަނެވިތުއްތުމަނިކު ހިނގުން، ޒަމާނީ ގޯޅި އަދި މަޖީދީ މަގު ހިމެނޭ ސަރަހައްދުންނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 15:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ކަރަންޓު ކަނޑާލަން ޖެހެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ. އާންމުކޮށް މިފަދަ މަސައްކަތްތައް ކުރަމުންދާއިރު، ކަނޑައެޅިފައިވާ ގަޑިއަށްވުރެ އަވަހަށް މަސައްކަތް ނިމިއްޖެނަމަ، ލަސްނުކޮށް ކަރަންޓު ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
