އިންސާނުންނަކީ ފުރިހަމަ ބައެއް ނޫނެވެ. އަހަރެމެންގެ ކިބައިން ކުށްތަކާއި ފާފަތައް ކުރެވުމަކީ އިންސާނީ ތަބީޢަތުގައި ހިމެނޭ ކަމެކެވެ. ނަމަވެސް، ކީރިތި ޤުރުއާނުން އަހަރެމެންނަށް ދަސްކޮށްދެނީ، ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ކަމުގައިވިޔަސް، މާޔޫސްވުމަކީ މުއުމިނެއްގެ ސިފައެއް ނޫން ކަމެވެ. ކުށްވެރިކަމުގެ އިޙްސާސަކީ އަހަރެމެން މާޔޫސްކުރުވާ ކަމެއް ކަމުގައި ވީނަމަވެސް، އަހަރެމެން އަލުން ތެދުވެ، ކުރިއަށް ދިއުމުގެ ބާރު ލިބެނީ ﷲ ގެ ރަޙްމަތަށް ކުރާ އުންމީދުގެ ސަބަބުންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅަކީ މާޔޫސްވުމަށްވުރެ މާ ތަނަވަސްވެގެންވާ އެއްޗެކެވެ. އައްޒުމަރް ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿53﴾ ۞ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ. މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ."
މީގެ އިތުރުން، ވަސްވާސްތަކަށް ހެއްލި، ފާފައަކަށް އަރައިގަނެވޭ ހިނދު މުއުމިނުން ކަންތައް ކުރަންވީ ގޮތް އަލް އިމްރާން ސޫރަތުގެ 135 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. ﴿135﴾ وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ. މާނައީ: "އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفس ތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاء ކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ."
ހިތަށް އިޙްސާސްވާ ދަތިކަމާއި ކުށްވެރިކަމުގެ އިޙްސާސަކީ އީމާންތެރިކަމުގެ ނިޝާނެކެވެ. ހޫދު ސޫރަތުގެ 114 ވަނަ އާޔަތުގައިވާ ފަދައިން، ހެޔޮކަންތައްތަކަކީ ނުބައިކަންތައްތައް ފުހެލާ އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿114﴾ وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ. މާނައީ: "އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ."
މި އާޔަތްތަކުން އެނގި ހާމަވަނީ، ފާފައަކަށްފަހު ހިތުގައި އުފެދޭ ރިހުމަކީ ﷲ އާ ދުރުވެފައިވާ ކަމުގެ ނިޝާނެއް ނޫން ކަމެވެ. އެއީ އަލުން އެކަލާނގެ ހަޟްރަތަށް ރުޖޫޢަވުމަށް ގޮވާލާ އީމާންތެރިކަމުގެ އަޑެކެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޔާސިރު ގާޒީ ވިދާޅުވެފައިވެއެވެ. "ފާފައަކަށްފަހު ތިބާއަށް ހިތާމަވެރިކަން އިޙްސާސްވުމަކީ، ތިބާގެ ހިތް ދިރިހުރިކަމުގެ ހެއްކެކެވެ. މާޔޫސްވުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ނަމަވެސް އުންމީދަކީ ﷲ ގެ ފަރާތުންވާ ކަމެކެވެ. ތިބާ ތައުބާވެ، ﷲ ގެ ހަޟްރަތަށް އެނބުރި އަންނަން ބޭނުންވާހާ ހިނދަކު، ތިބާ ހުރީ މާ ދުރުގައެއް ނޫނެވެ."
ދުނިޔަވީ ވަސްވާސްތަކުގެ ސަބަބުން އަހަރެމެން ކުށަކަށް އަރައިގަނެވި، ބިމަށް ތިރިވެދާނެއެވެ. ނަމަވެސް، އަހަރެމެން ބިމުގައި ބަނދެލަނީ މާޔޫސްކަމެވެ. ކީރިތި ޤުރުއާން އަހަރެމެންނަށް ދަސްކޮށްދެނީ ﷲ ގެ ރަޙްމަތަށް ކުރާ އުންމީދަކީ އަލުން ތެދުވުމަށް އޮތް ވަރުގަދަ ވަލެއް ކަމެވެ. ފާފައެއް ކުރެވުމަށްފަހު ތިބާގެ ހިތުގައި ރިހުމެއް އުފެދޭނަމަ، އެއީ ﷲ ތިބާ ދޫކޮށްލެއްވީއެއް ނޫނެވެ. އެއީ އެކަލާނގެ ތައުބާގެ ދޮރު އަދިވެސް ހުޅުވިފައިވާކަން ހަނދާންކޮށްދޭ އީމާންތެރިކަމުގެ ގޮވައިލުމެކެވެ.
ހަވާލާ: ޑރ. ޔާސިރު ގާޒީ ގެ ދަރުހަކުން (2024)
