ރާއްޖޭގެ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކޮށް، އަމިއްލަ ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލް އިން "ގެސްޓް ރޫމް ފައިނޭންސިން" ގެ ނަމުގައި އާ ސްކީމެއް ތައާރަފްކޮށްފިއެވެ. މިއީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް، ހޯމްސްޓޭ ވިޔަފާރިތަކަށާއި ކުދި ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ނެރުނު ޕްރޮޑަކްޓެކެވެ.

މި ފެސިލިޓީ ހާއްސަކޮށްފައިވަނީ ގިނަވެގެން 5 ކޮޓަރިއަށްވުރެ އިތުރުނުވާ ގޮތަށް، ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ލޯކަލް ގެސްޓްހައުސްތަކަށެވެ. މި ސްކީމުގެ ދަށުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ.

މި ފެސިލިޓީގެ މުހިންމު ނުކުތާތައް:

މުއްދަތު: ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އޭގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް (ފައިސާ ދައްކަން ނުޖެހޭ މުއްދަތެއް) ހިމެނެއެވެ.
އަމިއްލަ ހަރަދު: މަޝްރޫއުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން 20 އިންސައްތަ އަމިއްލަ އަތުން ހަރަދުކުރަން ޖެހޭނެއެވެ.
ޝަރުތު: ފައިސާ ދޫކުރުމުގައި ބަލާނީ ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ރިއާޔަތްކޮށް، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ ބަޔަކަށް ބައިވެރިވުމަށް މަގުފަހިވެ، ރަށްރަށުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.