މާލޭގެ ކުޑަ ކޮޓަރިއެއްގެ ތަޅުންގަނޑު މަތީގައި، މީދަލާއި ކުރަފީގެ އުނދަގުލުގައި ހޭދަކުރި ރޭތަކަކީ މުޙައްމަދު ޝިނާން (ޝިންޓު) ގެ ހަޔާތުގެ އެންމެ ހިތްދަތި ސަފުހާތަކެވެ. ނަމަވެސް، ގއ. ދާންދޫއަށް އުފަން މި ހިތްވަރުގަދަ ޒުވާނާ މިއަދު އެ ހުރީ އެ ހުރިހާ ގޮންޖެހުންތަކެއް ފަހަތަށް ޖައްސާލުމަށްފަހު، ކާމިޔާބީގެ އައްސޭރީގައެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި ދެކުނު ހުވަފެންތައް މައިންބަފައިންނަށްޓަކައި ޤުރުބާންކޮށް، އިންސާފު ހޯދަން ކުރި މަސައްކަތުގައި ވަޒީފާ ގެއްލި، ބަނޑުހައިހޫނުކަން ތަޖުރިބާކުރަން ޖެހުނަސް ޝިންޓުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. މިއީ ވެއްޓުނު ކޮންމެ ފަހަރަކު ހިތްވަރާއެކު ކޮޅަށް ތެދުވެ، މިއަދު ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރެއްގެ މަޤާމާ ހަމައަށް ދަތުރުކުރި ނަމޫނާ ޒުވާނެއްގެ ވާހަކައެވެ.
ޝިންޓުއަކީ ކާކު
ނަވާރަސަތޭކަ އަށްޑިހަ ހަ (1986) ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ދުނިޔޭގެ އަލިކަމުގެ ތެރެއަށް ލޯހުޅުވާލި މުޙައްމަދު ޝިނާން (ޝިންޓު)، ގއ. ދާންދޫ އަކީ ގޮންޖެހުންތަކާއި، ގުރުބާނީތަކާއި، ހިތްދަތިކަމުގެ ތެރެއިންވެސް ހިތްވަރު ދޫނުކޮށް ކުރިއަށް ދަމުން އަންނަ ހިއްވަރުގަދަ ޒުވާނެކެވެ.
ޝިންޓުގެ އުފަން ރަށް ގއ. ދާންދޫ އަކީ ކުޑަ ރަށެއް ނަމަވެސް، އެއީ ދިރިއުޅުމުގެ އުފާވެރިކަމުން ފުރިފައިވާ ހިތްގައިމު ރަށެކެވެ . ތައުލީމީ ހަޔާތް ފެށުނީ ރަށު މަދަރުސާއިންނެވެ. ގްރޭޑް 1 އަކުން 4 އަކަށް ދިވެހި މީޑިއަމަށް ކިޔެވި އިރު، ޝިންޓުއަކީ އަބަދުވެސް މުޅި ގްރޭޑްގެ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރެކެވެ. މޮޅު ދަރިވަރަކަށް ޝިންޓު ވެގެން ދިއުމީ އޭނާގެ މައިންބަފައިން ނުހަނު ފަޚުރުވެރިވި ކަމެކެވެ. އެހެންކަމުން އިތުރަށް ތަޢުލީމް ޙާސިލްކޮށްދިނުމަށް މައިންބަފައިންގެ ހިތާ ދެކޮޅަށް ޝިންޓު މާލެ ފޮނުވަން ނިންމައި އެކަން ކުރިއެވެ.
ސްކޫލް ދައުރު
ކިޔެވުމުގެ ޙަޔާތް ފެށުމަށް 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު މާލެ ދިއުމަށްފަހު ދިރިއުޅުމުގެ މުޅިން އާ ސަފްޙާއެއް ފެށުނެވެ. އެގޮތުން، މަތީތަޢުލީމް ޙާސިލް ކުރުމަށްޓަކައި މާލެ ދިއުމަށްފަހު ޝިންޓު އެންމެ ފުރަތަމަ ގުޅުނީ "މަޖީދުގެ" ކިޔާ ޕްރައިވެޓް ޓިއުޝަން ސެންޓަރަކާއެވެ. އެންމެ ފުރަތަމަ އިނގިރޭސި ބަސް ދަސްކުރަން ފެށީ އެ ސެންޓަރުންނެވެ. ނަމަވެސް، އުސް އިމާރާތްތަކާއި، ކާރޯބާރޫ ބޮޑު މަގުތަކުގެ ތެރެއިން، ރަށުން ލިބުނު ކަހަލަ ހިތްގައިމުކަމެއް މާލެ ސިޓީއަކުން ޝިންޓު އަކަށް ނުލިބުނެވެ. ދިރިއުޅުން އެގޮތުގައި ހޭދަކުރަމުން ދަނިކޮށް އަހަރެއް ފާއިތުވީއެވެ. މާލޭގައި ހޭދަކުރި ފުރަތަމަ އަހަރުތަކަކީ ހިތްދަތި ދުވަސްތަކެކެވެ. ޝިންޓު ކުރި ހިތާމައެއް އެނގޭނެ އެކަކުވެސް ނެތެވެ. މައިންބަފައިންނާއި، ހާއްސަކޮށް މަންމަގެ މަތިން ހަނދާންވާވަރު ބަޔާންކޮށްދޭންވެސް ނޭނގެއެވެ.

ފާއިތުވި އަހަރާއި އެކު އަމީރު އަޙްމަދު ސްކޫލްގެ ގްރޭޑް 4 ގައި ކިޔެވުމުގެ ފުރުސަތު ޝިންޓު އަށް ލިބިގެން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް 1999 ވަނަ އަހަރު ސަރުކާރު ސްކޫލެއް ކަމުގައިވާ މުހްޔިއްދީން ސްކޫލުގެ ގްރޭޑް 5 އަށް ވަދެވުނެވެ. އެހިސާބުން އަނެއްކާވެސް ޝިންޓުގެ ދިރިއުޅުން މުޅިން ބަދަލުވި ކަހަލައެވެ. އެއީ އަނެއްކާވެސް ޝިންޓުގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައި ދުވަސްވަރެކެވެ. އައު ރައްޓެހިންނާ ދިމާވެ، އުމުރަށް ދެމިގެންދާނެ އެކުވެރިކަން އުފެދުނެވެ. ގްރޭޑް 7 ނިމުމުން، އެންމެ ގާތް އެކުވެރިޔާގެ ގޭގައި ދިރިއުޅެން ފެށުމުން ދިރިއުޅުމުގެ ބުރަދަން ކުޑަކޮށް ލުއިވެގެން ދިޔައެވެ.
އެކި ކުދިންގެ ހުންނާނީ އެކިއެކި ހުނަރާއި ޤާބިލްކަމެވެ. އެކި ކުދިން ކުރާހިތްވާނެ ކަންކަން ތަފާތުވެ ބައެއްކަހަލަ ކަންކަމަށް އިތުރު އިސްކަމެއް ދީގެން އުޅެވެއެވެ. ހަމަ މިފަދައިން ޝިންޓުއަށްވެސް މުޙްޔިއްދީން ސްކޫލުގައި އުޅުނުއިރު، އަވަށްޓެރި އިންޑިއާގައި ނަންމަޝްހޫރު ކަމުން އެންމެންވެސް ދަންނަ ކުޅިވަރު ކަމަށްވާ ކްރިކެޓަށް ހިތްޖެހުނެވެ. ސްކޫލް ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވަރަށް ފަޚުރުވެރިކަމާއެކު ކުރިއެވެ. އިންޓަރ-ސްކޫލް މުބާރާތުގެ ފައިނަލަށް ދެ ފަހަރު ދަތުރުކޮށް، 15 އަހަރުން ދަށުގެ ގައުމީ ޓީމުންވެސް ޝިންޓުއަށް ޖާގަ ލިބުނެވެ. ކްރިކެޓްކުޅުމުގައި ވަރަށް ފޯރިއާއެކު ކުރިއަށް ގޮސް ގަތަރުގައި އޮތް މުބާރާތަކަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު، ޝިންޓުގެ ބޫޓު ހަލާކުވިއެވެ. އާ ބޫޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކްރިކެޓް ކުޅުން ހުއްޓާލިއެވެ. ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ދެކޭ ހުވަފެނަކީ އެބައެއްގެ ދަރިން ކިޔަވާ މޮޅު ކުދިންނަށް ވުން ކަމުގައި ވާ ފަދައިން ޝިންޓުގެ މައިންބަފައިންވެސް ބޭނުންވީ ކްރިކެޓް ކުޅުމާ ދުރުވެ ކިޔެވުމަށް އިތުރަށް ސަމާލުކަން ދިނުމަށެވެ. އެހެން ކަމުން މައިން ބަފައިންގެ އުފަލަށްޓަކައި އެންމެ ކުރާހިތުން ކުރަމުން ދިޔަ ކުރިކެޓްކުޅުން ހުއްޓާލާ ހިތާއި ސިކުޑިންވެސް އެކަން ދޫކޮށްލީއެވެ. ކްރިކެޓް ހުއްޓާލުމާއި އެކު ކިޔެވުމަށް އޮތް ޝައުޤުވެރިކަންވެސް ކުޑަވެގެން ދިޔައެވެ.
ވަޒީފާ
ދެހާސް ހަތަރު (2004) ވަނަ އަހަރު ދަރުމަވަންތަ ސްކޫލުން ގްރޭޑް 10 ނިންމާ އޯލެވެލްއަށްފަހު އެނބުރި ރަށަށް ގޮސް، 2005 ވަނަ އަހަރު ރަށު މަދަރުސާގެ ވަގުތީ ޓީޗަރެއްގެ ގޮތުގައި ގްރޭޑް 4 އަދި 5 ގެ ކުދިންނަށް ހިސާބު ކިޔަވައިދޭން ޝިންޓުފެށިއެވެ. ދެ އަހަރު ދުވަހު އެ މަސައްކަތުގައި އުޅުމަށްފަހު، އިތުރަށް ކުރިއަށް ދިއުމުގެ ނިޔަތުގައި 2007 ގައި އަނެއްކާވެސް ޝިންޓު މާލެ ބަދަލުވިއެވެ. ގިނަ ދުވަސްތަކެއް ފާއިތުވެ ޓީޗިންގ ކޯހަކުން ފުރުސަތު ނުލިބުމުން، މާމަގެ އެދުމުގެ މަތިން ފުލުހުގައި އޮތް ވަޒީފާއަކަށް ކުރިމަތިލައި، އެ ވަޒީފާ ލިބުނެވެ. ޝިންޓު ފުލުހުންގެ ހިދުމަތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ އައިޓީ ޑިޕާޓްމަންޓްގައެވެ. ނަމަވެސް 2008 ވަނަ އަހަރު ފުލުހުންގެ ތަމްރީނު ފުރިހަމަކުރުމަށްފަހު ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ޝިންޓު ބަދަލުކުރެވުނެވެ. 2008 އިން 2010 އަށް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރުމަށްފަހު އަނެއްކާވެސް ޓެކްނޮލޮޖީ ޑިޕާރޓްމަންޓަށް ބަދަލުވިއެވެ. ފުލުހެއްގެ ދިރިއުޅުމަކީ ބުރަ ދިރިއުޅުމެއް ނަމަވެސް، ޝިންޓު ދިޔައީ އަމިއްލަ ނަފްސު ކުރިއަރުވަން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ދިރިއުޅުން
މިގޮތުން 31 ޑިސެމްބަރު 2008 ގައި ޝިންޓު އަލަތު ކައިވެނި ކުރިއެވެ. މީހަކާ އިނދެގެންވެސް އައިޓީ އަދި އޮފީސް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓްތައް ހާސިލުކުރިއެވެ.
"ނަމަވެސް، ޤައުމީ ވާޖިބު އަދާކުރުމުގައި ފުލުހުން އަދާކުރާ ބުރަ މަސްއޫލިއްޔަތުގެ ސަބަބުން، ޝިންޓުގެ އާއިލީ ދިރިއުޅުމާއި ވަޒީފާ ބެލެންސް ކުރުންވީ ބޮޑު ގޮންޖެހުމަކަށެވެ. އެގޮތުން، ޚިދުމަތުގެ ބޭނުމަށް ރަށުން ބޭރުގައި ކުރަންޖެހޭ ޑިއުޓީތައް ގިނަވިއެވެ. ކުއްޖަކު ހޯދުމަށް 4 އަހަރު ކުރި އުންމީދީ މަސައްކަތަށްފަހު، 2012 ވަނަ އަހަރު އަނބިމީހާ ބަލިވެއިނދެ ބަނޑަށް 1 މަހާއި 2 ހަފްތާގައި ޝިންޓު ޑިއުޓީއަށް ރަށުން ބޭރަށް ދާންޖެހުނެވެ. އާއިލީ ޙާލަތު ހުރިގޮތުން މާލޭގައި މަޑުކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް، ޚިދުމަތުގެ ޑިއުޓީ ހަމަޖެހިފައި އޮތްގޮތުން އެކަން މަގުފަހިވާގޮތް ނުވެ، 6 މަސް ދުވަހުގެ ޑިއުޓީ ޓާމަކަށް ފުރަންޖެހުނެވެ. އެ ދަތުރު ނިންމާލައި މާލެ އާދެވުނީ އޭގެ 8 މަސް ފަހުންނެވެ.
މިގޮތަށް ދުވަސްތައް ފާއިތުވަމުންގޮސް ދަރިފުޅު ވިހައި، ދަރިފުޅަށް އެންމެ ދެމަސްވީތަނާ އަނެއްކާވެސް ރަށުން ބޭރުގައި މަސައްކަތްކުރަން ޖެހުމުން، އާއިލާއާ ދުރުގައި ހުންނަން ޖެހުމުގެ ހިތްދަތިކަން ޝިންޓުއަށް އިހުސާސްކުރެވުނެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލު ބަދަލުކޮށްލުމުގެ އުންމީދުގައި 2016 ވަނަ އަހަރު ޓޫރިސްޓް ޕޮލިހަށް ބަދަލުވިއެވެ. ނަމަވެސް އެ ޑިޕާޓްމަންޓުގެ މަސައްކަތުގެ ވައްޓަފާޅިއާއި ކަންކަން ހިނގާގޮތް ޝިންޓުގެ އުސޫލުތަކާ ނުގުޅޭތީ، ހިތްހަމަނުޖެހުންތަކެއް ހުރެގެން އަނެއްކާވެސް ކަސްޓޯޑިއަލްއަށް ބަދަލުވިއެވެ. ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށާއި އިންސާފުވެރިކަމަށް ލޯބިކުރާ މީހަކަށްވާތީ، ވަޒީފާގެ މާހައުލުގައި ދިމާވި ޚިޔާލުތަފާތުވުންތަކާއި އުސޫލީ މައްސަލަތަކުގެ ސަބަބުން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ޝިންޓު އަމިއްލައަށް ވަޒީފާއިން އިސްތިއުފާ ދިނީއެވެ.
ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާއެއް ނެތި ހޭދަކުރި އަށްމަސް ދުވަހަކީ ޝިންޓުގެ ހަޔާތުގެ ވަރަށް ދަތި ދުވަސްތަކެކެވެ. ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް މަހަށް ދިޔުމާއި، ވޭން ދުއްވުމާއި، ފިހާރައެއްގައި މަސައްކަތް ކުރުން ފަދަ ކަންކަން ކުރިއެވެ. މިއީ ޝިންޓު ސިފަކުރާ ގޮތުގައި އޭނާގެ ހަޔާތުގެ "އެންމެ އަނދިރި ދުވަސްތަކެ"ވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ދިމާވި އެކިއެކި ސަބަބުތަކާހުރެ ފުރަތަމަ ކައިވެނި ރޫޅާލަން ޖެހުނެވެ. އަދި އޭގެ ފަހުން ކުރި ކައިވެނިވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް، މާތްﷲގެ މިންވަރުފުޅުން 15 ޖެނުއަރީ 2023 ގައި، (ޝިންޓުގެ ދަރިފުޅުގެ 10 ވަނަ އުފަންދުވަހު) މިހާރުގެ އަނބިމީހާއާ ކައިވެނި ކުރެވުނެވެ.
އަތުގައި އެއްވެސް އެއްޗެއް ނެތް ދަތި ދުވަސްވަރެއްގައި، މިހާރުގެ އަނބިމީހާ އޭނާ ބަލައިގަތްކަމީ ޝިންޓު އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ."
މިހާރު ޝިންޓުއަކީ 01 މާރޗް 2023 އިން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ އައިސީޓީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އެސިސްޓަންޓް މެނޭޖަރެކެވެ. ދިރިއުޅުން މިހާރު ވަނީ އަމާން އައްސޭރިއަކަށް ދަތުރުކުރަން ފަށާފައެވެ. ވަޒީފާގެ އިތުރުން "މަލޫ އެންޓަރޕްރައިސަސް" ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއްވެސް ކުރަމުންގެންދެއެވެ. ޝިންޓުގެ މިހާރުގެ ހުވަފެނަކީ ހަމައެކަނި އަމިއްލަ ކުރިއެރުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މާލީގޮތުން މިނިވަން މީހަކަށްވެ،

ޝިންޓުއަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ރަށަށް އައު އީޖާދީ ޚިޔާލުތަކެއް ތައާރަފުކޮށް، ރަށަކީ މީހުން އަންނަހިތްވާ ކަހަލަ ރީތި ހިތްގައިމު ތަނަކަށް ހަދައި، ރަށުގައި ތިބެގެން ޒުވާނުންނަށް އިތުރު ތަޢުލީމާއި ތަމްރީނާއި އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހި ކުރުމާއި ބަލިމީހުންނާއި އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ ޝިންޓުގެ އެންމެ ބޮޑު އެއް އަމާޒެވެ. ޝިންޓު ގަބޫލުކުރާ ގޮތުގައި ދާންދޫއަށް ބޭނުންވަނީ އެއްބައިވަންތަކަމެވެ. ފިތުނަ ފަސާދައެއް ނޫނެވެ.
ސިޔާސީ ކަންކަމުގެ ސަބަބުން ރަޙްމަތްތެރިންނާއި، އަވަށްޓެރިންނާއި، އަދި ޢާއިލާތައް ވެސް ވަކިވެ، ބައިބައިވެގެންދާ މަންޒަރު އަޅުގަނޑުމެން މިވަނީ ދެކިފައެވެ.
މިއީ ޝިންޓުގެ ހަޔާތުގެ ހަގީގީ ދަތުރެވެ. ގޮންޖެހުންތަކާއި، ގުރުބާނީތަކާއި، ހިތްދަތިކަމުގެ ތެރެއިންވެސް ހިތްވަރު ދޫނުކޮށް ކުރިއަށް ދިޔުމުގެ ވާހަކައެވެ. މާލޭގެ ކުޑަ ކޮޓަރިއެއްގެ ތަޅުންގަނޑު މަތީގައި މީދަލާއި ކުރަފިތަކުގެ ތެރޭގައި ނިދި ކުޑަ ފިރިހެން ކުއްޖާގެ ދިރިއުޅުން މިއަދު މިވަނީ އައު އުންމީދުތަކަކުން ފުރިފައެވެ. މިއީ އަދި ނިމުމެއް ނޫނެވެ. އަދިވެސް މި ދަތުރު ދަނީ ކުރިއަށެވެ.
