ސްރީ ލަންކާގެ ވިޔަފާރިވެރިއެއްގެ މަރުގެ މައްސަލައިގައި އޭނާގެ އަނބިމީހާ އާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އެގައުމުގެ ފުލުހުން ބުނާ ގޮތުގައި މަރުވެފައި ވަނީ ލަންކާގެ ނެގޮމްބޯގައި މަސައްކަތް ކުރަމުން އަންނަ ބޮޑު ވިޔަފާރިވެރިއެކެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އޭނާގެ އަނބިމީހާ އާއި އޭނާގެ މުވައްޒަފެކެވެ.

ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހަނާ ވިދާޅުވީ އެ ވިޔަފާރިވެރިޔާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުުރުމާ ގުޅިގެން މައްސަލައިގެ ތަހުގީގެއް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ހައްޔަރު ކުރި ދެމީހުންގެ ބަންދަށް ދުވަސް އިތުރުކުރާނެއެވެ. އަދި އެ ވިޔަފާރިވެރިޔާގެ މަރު އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އޭނާގެ ހަށިގަނޑު ބަލަން ބޭނުންވާތީ، އޭނާގެ ގަބުރު ކޮނުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށްވެސް އެގައުމުގެ ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އެކަކު އަނެކެއްގެ ފުރާނަ ދުއްވާލުމަކީ މިހާރަކަށް އައިސް ގިނައިން ފެންނަ ކަމެކެވެ. މިފަދަ ހާދިސާތަށް ތަހުޒީބު މުޖުތަމައުތަކުގައި ހިނގާލެއްވެސް މަދެއް ނޫނެވެ.