ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެގުމުގެ މަތިން އެ ރަށުގައި ތަރައްގީކުރި ޖިމް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ކުޑަހުވަދޫ އެކުވެރި އަންހެނުންގެ ކޮމިޓީގެ އިމާރާތުގައި ގާއިމުކޮށްފައިވާ މި ޖިމް ހުޅުއްވައިދެއްވުމަށްފަހު، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރަށުގައި މިފަދަ ވަސީލަތެއް ގާއިމުވުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ. ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނު އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވައި، ޓައިމް މަޖައްލާއިން ހޮވި 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް ހިމެނިވަޑައިގަތުމަކީ ލިބުނު ފަހުރެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީގެ މި އިސްނެގުމަކީ އެހެން ރަށްރަށުގެ ކޮމިޓީތަކަށް ވެސް ދެއްކި ވަރަށް ރީތި ނަމޫނާއެއް ކަމަށް ވިދާޅުވެ، އެކަމަނާ ވަނީ އެ ކޮމިޓީގެ މެމްބަރުންނަށް ހިތްވަރު ދެއްވާފައެވެ. އަދި މި ޖިމްގެ ބޭނުން ހުރިހާ ފަރާތްތަކުން ވެސް އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސައިން ޙަމީދުގެ އިތުރުން ކުޑަހުވަދޫ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ކޮމިޓީގެ މެމްބަރުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
