ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި އަހަރުގެ ރޯދަ މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހައި ނިންމާލައިފިއެވެ. ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ރޭގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ޖުމްލަ 53،308 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ފެށި މި މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާއިރު، އެކިއެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭހާ ހަވާލުނުވެވޭ ފަރާތްތަކަށް ވެސް ވަނީ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން، އެ ފަރާތްތަކަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން، މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެން ކުރި ބުރަ މަސައްކަތުންނެވެ. މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ މި ބޮޑު މަސައްކަތުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.