އިނގިރޭސި ވިލާތުގެ ހޮސްޕިޓަކަލަށް، ދުވަސްނުފުރާ ވިހި ކުޑަކުއްޖަކު އަދިވެސް ދުނިޔޭގައި އެބަ ހުއްޓެވެ. ރިޕޯޓުތައް ބުނާގޮތުން އެ ކުއްޖާ ވިހި އިރު އެކުއްޖާގެ ބަރުދަނުގާ ހުރީ އެންމެ 337 ގުރާމެވެ. މިދިޔަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހު އުފަންވި މި ކުއްޖާ އުފަންވީ އޭނާގެ މަންމަގެ ބަނޑަށް އެންމެ 4 މަހުގައެވެ.

ރިޗާރޑް ސްކޮޓް ވިލިއަމް ނަމަކަށް ކިޔާ މިކުއްޖާ މިއަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހު ވަނީ އޭނާގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކޮށްފައެވެ. މިއާއި އެކު އެކުއްޖާ ވެގެން ދިޔައީ ދުނިޔޭގެ ރިކޯޑުފޮތުންވެސް ޖާގައެއް ހޯދި ކުއްޖަކަށެވެ. އެއީ ވިހޭއިރު ބަރުދަނުން އެހާ ލުއިކުއްޖަކަށް ވުމާއިއެކު، މިހާ ގިނަ ދުވަހު ދުނިޔޭގައި ހުރި ފުރަތަމަ ކުއްޖާގެ މަގާމާއި އެކުގައެވެ.

އެކުއްޖާގެ އުމުރުން އެއް އަހަރުވެގެން ދިޔައިރު ކޮންމެ ދުވަހަކީ އެކުއްޖާއަށް އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ ދުވަހެކެވެ. ރިޗާރޑްގެ މަންމަ ބުނާ ގޮތުގައި މިހާރުވެސް އޭނާގެ ހާލު މުޅިން ރަނގަޅު ނޫންކަށާއި ކުއްލިއަކަށްވެސް ބަލިވެދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ.

ދުވަސްނުފުރާ ވިހެއުމާއި އެކު ބަރުދަނުން އެހާ ލުއި ކުއްޖެއް ކަމުން ޑަކްޓަރުންވެސް ވަނީ އޭނާ ދުނިޔޭގައި ހުންނާނޭ ކަމުގެ އުންމީދު ކަނޑާލާފައެވެ. ނަމަވެސް ޑަކްޓަރުން ދިޔައީ ކެނޑި ނޭޅި އެ ފުރާނަ ސަލާމަތްކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. 

ރިޗާރޑްގެ މަންމަ މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ އުންމީދުކަނޑާލައިވާ ކުއްޖަކު ދުނިޔޭގައި ހުރުމުން އެކަމާއި ވަރަށް އުފާކުރާކަމަށާއި މިދުނިޔޭގައި ރިޗާރޑް ނޫން ދެން އެހެން އެއްވެސް އުފަލެއް ބޭނުން ނުވާކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާއަށް ފަރުވާކުރުމުގައި އުޅުނު ޑަކްޓަރުންނާއި ނަރުހުންނަށް ރިޗާރޑްގެ މަންމަ ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ދުވަސް ނުފުރާ ވިހެއުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. މިކަން މެދުވެރި ކުރުވާ އެކި އެކި ސަބަބުތައް ޑަކްޓަރުން އަންނަނީ ކެނޑި ނޭޅި މާބަނޑު އަންހެނުންނާއި ހިއްސާކުރަމުންނެވެ.