މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމުގެ ދެމިއޮތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް، ޖަރުމަނީގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަން ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި މި މަސައްކަތަކީ މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ޖައްވަށް ވިހަ ގޭސް އެންމެ މަދުން ބޭރުކުރާ އެއް ގައުމު ކަމަށެވެ.

"ނަމަވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތަކުގެ އެންމެ ބޮޑު ބިރެއް އޮތީ ރާއްޖެއަށް،" ކަން ރައީސް ހާމަކުރެއްވިއެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުން ހިމެނޭހެން، ރައްޔިތުން އިސްވެ މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުން ލަސްކުރުމަކީ މުސްތަގުބަލުގައި އޭގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. "މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުން ލަސްކުރުމުން މުސްތަގުބަލުގައި އެކަމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް އިލްމީ ގޮތުން ދުރާލާ ތައްޔާރުވުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ މުހިންމު މަސައްކަތް ކަމުގައި ރައީސް ވިދާޅުވިއެވެ.