ކުރިއަށް އޮތް ރޯދަ މަހު އެއްވެސް ބުރޫއެއް ނާރައި މަހުގެ އުފެއްދުންތައް އާންމުންނަށް ލިބޭނެ ކަމުގެ ޔަގީންކަން މިފްކޯއިން މިއަދު ދީފިއެވެ.
މިފްކޯއިން ބުނީ މަސްވެރިކަން މި ދުވަސްވަރު ދަށްވެފައި ވީނަމަވެސް، ރޯދަ މަހު އާންމުންނަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދިނުމަށް ދުރާލައި އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ދުވަސްވަރު މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނު މަސް ކިރުވާފައި ވީނަމަވެސް، މިދިޔަ މަހު އެ އަދަދު ވަނީ 93 ޓަނަށް ވެއްޓިފައެވެ. އަދި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަހެވެ.
ޝިފްޒާ ވިދާޅުވީ ރޯދަ މަހު ކަނޑުމަސް ލިބުން ދަތިވެއްޖެ ނަމަ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބަލައި، ކުންފުނިން ދުރާލައި ތައްޔާރުވަމުންދާ ކަމަށެވެ. މިފްކޯގެ ފިހާރަތަކާއި ސެންޓަރުތަކުން ރައްޔިތުންނަށް ރޯމަސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުން އޭނާ ވިދާޅުވީ، ކުންފުނީގެ މައިގަނޑު އަމާޒަކީ އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަސް ފޯރުކޮށްދިނުން ކަމަށެވެ.
