15 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށު އަލީ ހަސަން (44 އަހަރު) އަދި މުހައްމަދު އިހުސާން (21 އަހަރު) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އަދި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މީގެ ތެރެއިން އަލީ ހަސަން ޑިސެމްބަރު 24 ގައި ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ އެކަކަށް ހަމަވާނެއެވެ. މުހައްމަދު އިހުސާން ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ ހަވަނަ ދުވަހަށް ހަމަވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފީހުން ބުނީ މިފަދަ މައްސަލަތަކުގައި ކުޑަކުދިންނަށް ނާޖައިޒް އަނިޔާ ލިބިގެންދާ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. ފުލުހުންގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް ފުލުހުންގެ އޮފީހުން ބުންޏެވެ.