އަދުގެ މި ޒަމާނީ ދުނިޔޭގައި ޓިކްޓޮކް، އިންސްޓަގްރާމް ރީލްސް، އަދި ޔޫޓިއުބް ޝޯޓްސް ފަދަ ވަސީލަތްތަކަކީ ސަގާފީ ބޮޑު އޮއިވަރަކަށް ވެއްޖެއެވެ. މި ވަސީލަތްތައް ފަރުމާކޮށްފައިވަނީ ނުހަނު އާދައިގެ، ނަމަވެސް ދެވިހިފާ ފަދަ ގޮތަކަށެވެ. އެއީ މެދުކެނޑުމެއް ނެތް، ކުރު އަދި އަވަސް މުނިފޫހިފިލުވުމުގެ މައިދާނެކެވެ. ނަމަވެސް، މިގޮތަށް ކުރު ވީޑިއޯ ބަލައި އުޅުމަކީ ސިކުނޑީގެ ނާރުތަކުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެއް ކަމަށް ނިއުރޯސައިންސްގެ ދިރާސާތަކުން މިހާރު ދަނީ އިންޒާރު ދެމުންނެވެ.

ދިރާސާތަކުން ދައްކާ ހަގީގަތް: 2025 ވަނަ އަހަރު 'ނިއުރޯ އިމޭޖް' މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ކުރު ވީޑިއޯތަކަށް ދެވިހިފާފައިވާ މީހުންނަށް މާލީ ގޮތުން ލިބޭ ގެއްލުންތަކަށް ދެވޭ ސަމާލުކަން ކުޑައެވެ. ސިކުނޑީގެ "އިމޭޖިންގް" ތަކުން ފެނުނު ގޮތުގައި، އަގުވަޒަންކުރުމާއި އުޅުން ބައްޓަންކުރުމާ ގުޅޭ ސިކުނޑީގެ ބައިތަކަށް ވަނީ ނޭދެވޭ ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުތަކަކީ ޖޫވާ ކުޅުމާއި މަސްތުވާތަކެއްޗަށް ދެވިހިފުމުން ސިކުނޑިއަށް އަންނަ ބަދަލުތަކާ ދާދި އެއްގޮތް ބަދަލުތަކެކެވެ.

'ފްރޮންޓިއަރސް އިން ހިއުމަން ނިއުރޯސައިންސް' (2025) ގައި ޝާއިޢުކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ޔުނިވަރސިޓީ ދަރިވަރުންގެ ތެރެއިން މިކަމަށް ދެވިހިފާފައިވާ ކުދިންގެ، ނުރައްކާ ވަޒަންކުރުމުގެ ގާބިލުކަން ވަނީ ދަށްވެފައެވެ. "އެފް.އެން.އައި.އާރު.އެސް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިންސްވެރިން ބެލިބެލުމުން، ދުރު މުސްތަގުބަލުގެ ނަތީޖާއަށް ވިސްނުމުގެ ބާރު ކެނޑި، ނުރައްކާތެރި ނިންމުންތަކަށް އެ ދަރިވަރުން ލެނބޭކަން ވަނީ ފާހަގަކުރެވިފައެވެ.

ކަމާބެހޭ މާހިރުންގެ ބަސް: ސްޓެންފޯޑް ޔުނިވަރސިޓީގެ ސައިކޭޓްރިސްޓް ޑރ. އޭނާ ލެމްބްކޭ ވިދާޅުވާ ގޮތުގައި، "މެދުކެނޑުމެއް ނެތި ސްކްރޯލްކުރާ ކުރު ވީޑިއޯތަކުން ސިކުނޑީގެ ޑޯޕަމީން މަގުތައް ހައިޖެކް ކުރެއެވެ." މަޝްހޫރު ލިޔުންތެރިޔާ ނިކޮލަސް ކާރ ފާހަގަކުރައްވާ ގޮތުގައި، މައުލޫމާތުތައް ކުދިކުދި ބައިތަކަށް ބަހާލައިގެން ބަލައި ހެދުމުން، ސިކުނޑި އާދަވަނީ ފުންކޮށް ވިސްނުމުގެ ބަދަލުގައި ހަމައެކަނި އަވަސްމިނަށް އިސްކަންދޭށެވެ.

މިކަމުގެ ނުރައްކާތެރިކަމާއި އަމަލީ އަސަރުތައް: ކަންކަމުގައި ގޮތް ނިންމުމަކީ ހަމައެކަނި ގޮތެއް އިޚްތިޔާރުކުރުމެއް ނޫނެވެ. އެއީ ނުރައްކާތައް ވަޒަންކުރުމާއި، ވަގުތީ އުފަލަށްވުރެ ދުރު މުސްތަގުބަލުގެ ފައިދާއަށް ވިސްނުމެވެ. ނަމަވެސް ކުރު ވީޑިއޯ ޕްލެޓްފޯމްތަކުން އިސްކަންދެނީ ވަގުތުން ލިބޭ އުފަލަށެވެ. މީގެ ސަބަބުން ބުއްދިވެރި ނިންމުންތައް ނިންމުމަށް އެހީތެރިވާ ސިކުނޑީގެ މަސައްކަތްތައް ބަލިކަށިވެއެވެ.

ބެލެނިވެރިންނާއި މުދައްރިސުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ޒުވާނުންނާއި ކުޑަކުދިންނަކީ މިކަމުގެ ނޭދެވޭ އަސަރު އެންމެ އަވަހަށް ކުރާނެ ފަރާތްތަކެވެ. މުޖުތަމައެއްގެ ގޮތުން ބަލާއިރު، ވަގުތުން ކަންކަން ހާސިލުކުރަން ބޭނުންވާ ސަގާފަތެއް އުފެދި، އިޖުތިމާއީ ނިންމުންތަކުގެ ފެންވަރު ދަށްވުމުގެ ބިރު އެބައޮތެވެ.

ނިންމުން: ކުރު ވީޑިއޯ ބެލުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ދިރާސާތަކުން ސާފުކޮށް އެނގެއެވެ. މިއީ މުނިފޫހިފިލުވުމުގެ ވަސީލަތެއް ނަމަވެސް، ހައްދުފަހަނައަޅައި ދިއުމަކީ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލި، ބުއްދިވެރިކަމާއެކު ވިސްނުމުގެ ބާރު ކެނޑިގެންދާނެ ކަމެކެވެ. ޑރ. ލެމްބްކޭ އިރުޝާދު ދެއްވާ ފަދައިން، އަޅުގަނޑުމެންގެ ޑިޖިޓަލް ހަޔާތަށް "ހުރަސްތަކެއް" ގެންނަން އެބަޖެހެއެވެ. އާދޭހެވެ! ތިބާ ހުއްޓި ހުރެލާށެވެ! ފުންކޮށް ވިސްނާލާށެވެ! އަދި މިފަދަ ޝޯޓްސްތަކާއި ރީލްސްތަކުގެ ވަސްވާހުން ސަލާމަތްވާށެވެ!

 

ހަވާލާ: ނެޝަނަލް ޖިއޯގްރަފިކް 2025