ލ. ކުނަހަންދޫ ކައިރީގައި އޮތް ފަޅުރަށަކަށް އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގައިފިއެވެ. މި ތަކެތި ފެނިފައިވަނީ އެ ސަރަހައްދަށް މަސްހިފަން ގޮސް އުޅުނު މީހަކަށް ކަމަށާއި، މިހާރު އެ ތަކެތި ހުރީ ކުނަހަންދޫ ބޯޓުޔާޑު ސަރަހައްދަށް ގެންގޮސްފައި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

އެ އެއްޗެހި ރަށަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އޭގައި ހުރި އިސްކުރާއި ބައެއް އެހެން ސާމާނު ބޭނުންކުރުމުގެ ބޭނުމުގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ނަމަވެސް އެއީ ރޮކެޓެއްގެ ބައިތަކެއްކަން އެނގުނީ ރަށަށް ގެނެސް ބޯޓުޔާޑުގައި ބާއްވާފައި އޮއްވައި، އޭގައި ހުރި ލިޔުންތަކާއި އިންޑިއާގެ ނިޝާންތައް ބައެއް ޒުވާނުންނަށް ފެނުމުންނެވެ. އޭގައިވާ ލިޔުންތަކަށް ބަލާއިރު އެއީ 2025 ވަނަ އަހަރުގެ އުފެއްދުމެއް ކަމަށް ބެލެވެއެވެ. 

މި ތަކެތީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ބެލެވޭ ގޮތުގައި މިއީ އިންޑިއާ އިން ދާދިފަހުން ލޯންޗުކުރި ރޮކެޓްތަކުގެ ތެރެއިން ފޭލްވި ރޮކެޓެއްގެ ބައިތަކެކެވެ. އިސްރޯއިން މިދިޔަ އަހަރާއި މިދިޔަ މަހު ލޯންޗުކުރި ބައެއް ރޮކެޓްތަކަށް މައްސަލަ ދިމާވެ އިންޑިއާ ކަނޑަށް ވެއްޓިފައިވާތީ، އޮއިވަރާއެކު މި ތަކެތި ރާއްޖެއަށް ލެއްގީ ކަމަށް ބެލެވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އެ ތަކެތި ބަލާފައިވާއިރު، އެމްއެންޑީއެފްގެ ސިފައިން އެ ރަށަށް ގޮސް އެ ތަކެއްޗާ ހަވާލުވުމަށް ވަނީ ހަމަޖެހިފައެވެ.