ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އަގުވަޒަންކުރުމަށްޓަކައި އެމްއޭސީއެލް އިން އަލަށް ތައާރަފުކުރި "ވެލާނާ އެވޯޑްސް" ތިން ދާއިރާއަކުން 22 ފަރާތަކަށް ދީފިއެވެ. ކްރޮސް ރޯޑްސްގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ދިން މި އެވޯޑަކީ ރާއްޖޭގައި މި ސިނާއަތަށް ހާއްސަކޮށްގެން ދޭން ފެށި ފުރަތަމަ އެވޯޑެވެ.
މި ހަފުލާގައި އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެއާލައިން އޮފް ދަ އިޔާ" ލިބުނީ އެތިހާދު އެއާވޭސް އަށެވެ. މީގެ އިތުރުން ގަތަރު އެއާވޭސް، އެމިރޭޓްސް، ޓީއެމްއޭ އަދި މަންތާ އެއާލައިން ފަދަ ކުންފުނިތަކަށް ވެސް އެކި ދާއިރާތަކުން އެވޯޑުތައް ލިބިފައިވެއެވެ. އެމްއޭސީއެލްގެ އޮފީހުން ބުނީ މި އެވޯޑަކީ ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެއާޕޯޓުގެ ޕާޓްނަރުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަށް ކޮންމެ އަހަރަކު ދޭނެ އެވޯޑެއް ކަމަށެވެ.
Congratulations to the recipients of Velana Awards 2026 for their outstanding contributions and exemplary performance. pic.twitter.com/bvZYSxWvnq
— Maldives Airports Company Ltd (@MACLmedia) February 13, 2026
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ވެލާނާ އެވޯޑްސްއަކީ އެމްއޭސީއެލްއާއެކު ސާބިތުވެ ތިބޭ ޕާޓްނަރުންނާއެކު ހޯދާ ކާމިޔާބީގެ އުފާ ފާޅުކުރުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެމްއޭސީއެލްގެ ދައުރު ފާހަގަކުރައްވައި، ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި ނަންބަރުތަކަކުން ވަޒަންކުރެވޭނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
