ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން އިއްޔެ ހުޅުމާލޭގައި ބޭއްވި "އެމްއެންޔޫ މެރަތަން 2026" ގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ބައިވެރިވެއްޖެއެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުކުރުމަށް ބޭއްވި މި ދުވުމުގައި ޖުމްލަ 1،500 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.
މި މެރަތަންގެ ތެރެއިން ބީބީއެމް އިން ވަނީ އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ މަގުބޫލު ބްރޭންޑްތަކުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޔުނިލީވާގެ "ވެސެލިން" ބްރޭންޑާ ގުޅިގެން ހަމުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ ދުވުންތެރިންނަށް ހިލޭ ސާމްޕަލް ބަހާފައިވާއިރު، "ކޯނިޓޯސް" ނަޗޯސް އާއި "ކެވިންސް" މިލްކްޝޭކް ފަދަ އުފެއްދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ދީފައެވެ.
ބީބީއެމްގެ ހެޑް އޮފް ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ކޯޕަރޭޓް އެފެއާޒް އަލީ އަފްރާހު ހަސަން ވިދާޅުވީ، އެމްއެންޔޫ މެރަތަނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. "ބީބީއެމްގެ 50 އަށް ވުރެ ގިނަ މުވައްޒަފުން މި ދުވުމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ. ބީބީއެމް އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މުހިންމު ސާމާނު ފޯރުކޮށްދޭ އެންމެ އިތުބާރު ހިފޭ އެއް ކުންފުންޏެވެ.
