މިދިޔަ މެއި މަހު 11 ދުވަހަށް އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތަކުގައި ގެދޮރު މުޅިން ބިމާ ހަމަވި އެތައް ހާސް މީހުންގެ ތެރެއިން އެކަކީ އުމުރުން 40 އަހަރުގެ މިތްޤާލް އަލް ސިރްސަވީއެވެ. މިދިޔަ 12 އަހަރުގެ ތެރޭގައި އޭނާގެ ގެ 4 ފަހަރެއްގެ މަތިން ވަނީ ބިމާ ހަމަކޮށްލައިފައެވެ.

އޭނާ ބުނާގޮތުގައި އޭނާގެ ގެޔަށް އެމީހުންގެ ހަމަލާތައް އަމާޒު ކުރާހެން ހީވާ ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން މިއީ ހަތަރު ވަނަ ފަހަރުކަމަށެވެ. އަދި އިސްރާއީލުން ދެމުންދާ އެ ހަމަލާތަކުގެ ސަބަބުން އޭނާގެ ދިރިއުޅުން މުޅިން ބަރުބާދުވެފައި ވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިފަދަ ހާލެއްގައި ދިރިއުޅޭނީ ކިހިނެތްތޯވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

ސިރްސަވީ ގެއަށް 2008 ވަނަ އަހަރާއި 2012 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ އިތުރުން މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ބޮން އަޅައިފައެވެ. އަދި ކޮންމެ ފަހަރަކު ވެސް ގޭގައި ދިރިނޫޅެވޭ ވަރަށް ގެ ހަލާކު ވެގެންދެއެވެ.

ސިރްސަވީގެ ގެ ބިމާ ހަމަކޮށްލުމުން ކޮންމެ ފަހަރަކު ވެސް އުޅެން ޖެހެނީ އދ އިން އަޅައިފައިވާ ރެފިއުޖީ ކޭންޕްތަކުގައެވެ. މިތަންތަނުގެ ހާލު ކިޔައިދެމުން އޭނާ ބުނެފައި ވަނީ ދެއްވި ރަޙްމަތަށް ކޮޅުފައިން ޖަހަނީ ނޫން ކަަމަށާއި ނަމަވެސް މިފަދަ ކޭންޕްތަކުގައި އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މިގޮތުން އެތައް ސަތޭކަ ބަޔަކު އެއް ފާޚާނާއެއް ބޭނުން ކުރަން ޖެހުމާއި އެތައް ބަޔަކު އެއް ކޭންޕެއްގައި އުޅެން ޖެހުމުގެ ސަބަބުން އެތަކެއް ދަތިތަކެއް ކުރިމަތިވާކަމަށެވެ. މީގެ އިތުރުން މިފަދަ ކޭންޕްތަކުގައި ބޯފެން ލިބުން ދަތިކަން ފާހަގަކޮށް، ކޮންމެ ފަހަރަކު ވެސް އަމިއްލަ ގެ މަރާމާތުކޮށް އެ ތަަނަށް ދަނީ އުންމީދުތަކަކާ އެކު ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މިހާރު ސިރްސަވީ ހުރީ މުޅިން އުންމީދު ގެއްލިފައެވެ. ގެ ހެދިޔަސް އަނެއްކާ ވެސް އިސްރާއީލުން އެތަން ފުނޑުފުނޑުކޮށްލާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އަބަދުވެސް އޮވެއެވެ.