ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެގުމުގެ މަތިން، މި އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400 ރުފިޔާ ކަމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމެވުމަކީ ރޯދަ މަހު އާންމު ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުން ތަންފީޒު ކުރުމަށްޓަކައި، ސްޓެލްކޯ އިން މިއަދު ވަނީ ރޯދަ މަހުގެ ބިލަށް ހާއްސަ ރީޑިން ނެގުމުގެ މަސައްކަތް ފަށާނެކަން އިއުލާންކޮށްފައެވެ. އެ ކުންފުނީގެ އޮފީހުން ބުނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ރޯދަ މަހުގެ ވަކި ރީޑިން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، މި މަސައްކަތަށް ހުރިހާ ގޭބިސީތަކަކުން އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

ޕީއެންސީގެ މާލޭގެ އާޓިފިޝަލް ބީޗުގައި ނޮވެމްބަރު މަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރޯދަ މަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. އެ ފަހަރުވެސް ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކޮށް ގޭގެއަށް ފޮނުވާފައިވެއެވެ.