ބޮލީވުޑްގެ އެންމެ މަގުބޫލު ދެ ތަރިން ކަމަށްވާ ކާތިކް އާރްޔަން އާއި ސާރާ އަލީ ހާން ސިއްރުން ކައިވެނިކުރީތޯ ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ.
މި ބަހުސް ފެށުނީ ދާދިފަހުން ލޯބީގެ ދުވަހާ ގުޅުވައިގެން ސާރާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގެ ސަބަބުންނެވެ. އެ ފޮޓޯއިން ސާރާގެ އަތުގައި އަޅާފައިވާ ކައިވެނީގެ އަނގޮޓިއަކާއި، ފަހަތުން ފެންނަ މަންޒަރުތަކުން އެއީ ކާތިކްއާއެކު ހޭދަކުރި ވަގުތެއް ކަމަށް ފޭނުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
މި ދެ ތަރިންނަކީ މީގެ ކުރިންވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވެފައިވާ ދެ ތަރިން ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފެބްރުއަރީ 13 އިން ފެށިގެން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، މި ދެ ތަރިން މިހާރު ތިބީ ރާއްޖޭގެ ރިސޯޓެއްގައި ސިއްރުން ޗުއްޓީ ހޭދަކުރާށެވެ. ބައެއް ފޭނުން ބުނާ ގޮތުގައި އެ ދެ މީހުން ވަނީ ވަރަށް ސިއްރުވެރި ގޮތަކަށް ކައިވެނީގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. ސާރާގެ އިންސްޓަގްރާމް ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ އެއީ ކާތިކް ދިން އަނގޮޓިއެއްތޯ ސުވާލުކޮށްފައެވެ.
މި ވާހަކަތަކާ ގުޅިގެން ކާތިކް އާރްޔަންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާވެސް ވަނީ އިންސްޓަގްރާމްގައި "ލަވް އިޒް އިން ދަ އެއަރ" ޖަހައި ކުރު ވީޑިއޯއެއް ހިއްސާކޮށްފައެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނާ ގޮތުގައި މި ދެ ތަރިންގެ ގުޅުން އަލުން ބަދަހިވެ، ކައިވެންޏަކާ ހަމައަށް ގޮސްފައިވާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. މިއީ ހަގީގަތެއްތޯ ނުވަތަ އާ ފިލްމެއްގެ ޕްރޮމޯޝަންގެ ބައެއްތޯ ބެލުމަށް ފޭނުން މިހާރު ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.
