ކޮންމެ އާއިލާއެއްގައިވެސް ބައްޕައަކީ އެ އާއިލާގެ ތަނބެވެ. ހާއްސަކޮށް އަންހެން ދަރިއަކު ބޮޑުވެ، ތަރުބިއްޔަތުވެގެން އަންނަ އިރު ބައްޕަގެ ފަރާތުން ލިބޭ ތަރުބިއްޔަތާއި އަޅާލުމަކީ އެކުއްޖާގެ މުޅި ހަޔާތް ބައްޓަންވެގެންދާނެ ގޮތް ކަނޑައަޅާ މުހިންމު ބަހާއެކެވެ. އަންހެން ދަރިއެއްގެ ހަޔާތުގައި އެންމެ ފުރަތަމަ ލޯބިވާ ފިރިހެނަކީ އޭނާގެ ބައްޕައެވެ. ލޯތްބަކީ ކޮބައިކަމާއި، އަޅާލުމަކީ ކޮބައިކަން އެކުއްޖާއަށް އެންމެ ފުރަތަމަ އިހުސާސްވަނީ ބައްޕަގެ ފަރާތުންނެވެ.
އަންހެން ދަރިފުޅަށް އިޙްތިރާމް ކުރުމަކީ ކޮބައިކަމާއި، އަންހެނަކަށް ދޭންޖެހޭ ޤަދަރަކީ ކޮބައިކަން ދަސްވަނީ ބައްޕަގެ އުޅުމުންނެވެ. މުސްތަޤުބަލުގައި އޭނާގެ ކައިވެނި ހަޔާތް ބިނާކުރާނެ ގޮތާއި، ފިރިއެއްގެ ފަރާތުން އުއްމީދު ކުރަންޖެހޭނެ ކަންކަން އެކުއްޖާ ދަސްކުރަނީ ބައްޕަ އާއި މަންމަގެ ގުޅުމުގެ މައްޗަށް ބިނާކޮށެވެ. ބައްޕައަކީ އޯގާތެރި، މަޑުމައިތިރި މީހެއްނަމަ، އެ ދަރިފުޅު އަބަދުވެސް އުއްމީދު ކުރާނީ އެފަދަ އޯގާތެރިކަމަކަށެވެ. އަދި ބައްޕައަކީ މާތް ﷲ އަށް ބިރުވެތިވާ، ތަޤުވާވެރި މީހެއްނަމަ، އެ ދަރިފުޅުގެ ހިތުގައިވެސް ދީނީ ކަންކަމަށް ލޯބިޖެހި، ތަޤުވާވެރިކަމުގެ އަގު ވަޒަންކުރަން ދަސްވާނެއެވެ.
ނަމަވެސް ބައްޕައަކީ ހަރުކަށި، އަނިޔާވެރި މީހެއްނަމަ، ދިރިއުޅުމުގައި ކުރިމަތިވާ ވޭނާއި ތަދަކީ އެއީ އާދައިގެ ކަމެއްގެ ގޮތުގައި އެކުއްޖާ ދެކެން ފަށާފާނެއެވެ. މިއީ އެކުއްޖާގެ މުސްތަޤުބަލަށް އޮތް ނުރައްކަލެކެވެ. އަންހެން ދަރިންނަކީ މާތް ﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ މަތިވެރި "އަމާނާތެކެވެ". އެކުދިންގެ ހިތްތަކަކީ ނާޒުކު، ބިއްލޫރިތަޖެއް ފަދަ އެއްޗެކެވެ. އެކުދިންގެ އީމާންތެރިކަމަކީ ރައްކާތެރިކުރަންޖެހޭ އަގުބޮޑު ޖަވާހިރެކެވެ. އެކުދިންގެ އަބުރާއި ކަރާމާތާއި ޝަރަފާއި އިއްޒަތާއި އިއްފަތްތެރިކަންވެސް ހަމަ މިފަދައެވެ.
އެހެންކަމުން، އަންހެން ދަރިން ބޮޑުކުރަންވާނީ އޯގާތެރިކަމާއި ރަޙުމާއެކުގައެވެ. ކޮންމެ ދުވަހަކު އެކުދިންނަށްޓަކައި ހެޔޮ ދުޢާކޮށް، އެކުދިން ރައްކާތެރިކުރަންޖެހެއެވެ. އިސްލާމީ ރިވެތި އުޞޫލުތަކުން އެކުދިންނަށް މަގުދައްކައިދީ، ނަމޫނާ ބައްޕައަކަށް ވާންޖެހެއެވެ. މިއަދު ބައްޕަ އެ ދަރިފުޅާ މެދު ކަންތައް ކުރާ ގޮތަކީ، މާދަމާ އެކުއްޖާ ބައްޓަންކޮށްދޭނެ އަސާސެވެ.
