މިދިޔަ ހުކުރު ދުވަހު (13 ފެބްރުއަރީ 2026) ޑުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް) ގެ ޗެއާމަން އަދި ސީއީއޯ، ސުލްތާން އަހުމަދު ބިން ސުލައިމް މަޤާމުން އިސްތިއުފާ ދެއްވީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި ލިޔެކިޔުންތަކެއްގައި، އޭނާއާއި އެޕްސްޓައިންއާ ދެމެދު ދެކެވިފައިވާ ވާހަކަތަކާއި މުއާމަލާތްތައް ފެންނަން ހުރުމުންނެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، 2009 އިން ފެށިގެން 2018 އާ ހަމައަށް ސުލައިމް ވަނީ އެޕްސްޓައިންއާ ވަރަށް ގާތް ގުޅުމެއް ބާއްވާފައެވެ. މިއީ އެޕްސްޓައިން ކުޑަކުދިންނާ ބެހޭ މައްސަލައެއްގައި ކުށްވެރިވެފައި ވަނިކޮށްވެސް ބޭއްވި ގުޅުންތަކެކެވެ.

މި ލިޔުންތަކުގައި 4،700 އަށްވުރެ ގިނަ ފަހަރު ސުލައިމްގެ ނަން އައިސްފައިވެއެވެ. އަދި އޭގެތެރޭގައި ހަޑިހުތުރު ވާހަކަތަކާއި، އަންހެން ކުދިން ހޯދުމާއި، ޖިންސީ އަމަލުތަކުގެ ވާހަކަތައް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. އެންމެ ނުރައްކާތެރި ކަމަކަށް ފާހަގަވީ، އެޕްސްޓައިން ހިންގި ކަމަށް ތުހުމަތުކުރެވޭ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) ގެ ކަންކަމުގައި، ޑީޕީ ވޯލްޑްގެ ބިޔަ ޕޯޓުތަކާއި ނެޓްވޯކް ބޭނުންކޮށްފައި ވެދާނެ ކަމަށް ކުރެވޭ ތުހުމަތެވެ. ސިބެލް އެޑްމަންޑްސް ނަމަކަށް ކިޔާ މަޝްހޫރު ތަހުގީގީ ނޫސްވެރިއަކު ތުހުމަތު ކުރާގޮތުން، ސުލައިމް އަކީ އެޕްސްޓައިންގެ "ކާގޯ އަދި ޓްރާންސްޕޯޓް" ކަންތައް ބެލެހެއްޓި މައި މީހާއެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އޭނާ އަކީ އެޕްސްޓައިން ހިންގި އިންސާނީ ވަގުފާރީގެ ވިޔަފާރި ބައިވެރިއެކެވެ. ޚާއްޞަކޮށް އިރުމަތީ ޔޫރަޕާއި، ބޯލްކަން ސަރަހައްދާއި ކޮލަމްބިއާ ފަދަ ޤައުމުތަކުން ކުދިން ވަގަށް ނަގައިގެން ނުވަތަ އޮޅުވާލައިގެން ގެންދިއުމުގައި، 'ކާގޯ އަދި ޓްރާންސްޕޯޓް' ގެ ކަންކަން ބެލެހެއްޓި މައި މީހަކީ ސުލައިމް ކަމަށް ވެދާނެއެވެ. މާނައަކީ، ޑީޕީ ވޯލްޑްގެ ބިޔަ ނެޓްވޯކް ބޭނުންކޮށްގެން، އެޕްސްޓައިން ބޭނުންވާ ތަންތަނަށް 'މުދާ އުފުލާހެން' އަންހެން ކުދިން އުފުލައިދިނީ ސީދާ އޭނާ ކަމަށް ވުމެވެ.

ޑީޕީ ވޯލްޑްގެ ވެރިންނަކީ ކޮބާ؟

މި މައްސަލައިގައި ގިނަ ބަޔަކަށް އޮޅިދާނެ ކަމެއް އެބައޮތެވެ. އެއީ މިކަން ކުރީ ކުންފުނީގެ ވެރިފަރާތުން ތޯއެވެ؟ ނޫނެކެވެ. ޑީޕީ ވޯލްޑް އަކީ ޑުބާއީ ސަރުކާރު ނުވަތަ ޑުބާއީގެ ޝާހީ އާއިލާގެ މިލްކިއްޔާތެކެވެ. ނަމަވެސް އެޕްސްޓައިން އާ ގުޅުން އޮތް ކަމަށް މި ފަޅާއެރީ، އެ ކުންފުނި ހިންގަން ހުރި އެންމެ އިސް މީހާ ނުވަތަ ސީއީއޯ ސުލްތާން އަހުމަދު ބިން ސުލައިމް އެވެ. އޭނާއަކީ އެ ކުންފުނި މިހާރު އޮތް ހިސާބަށް ގެނައުމުގައި ބޮޑު ދައުރެއް އަދާކުރި މީހެކެވެ.

ޑުބާއީ ސަރުކާރުން މިހާރު ވަނީ އޭނާ އިސްތިއުފާ ދިނުމުން، ކުންފުނި ހިންގަން އެހެން ބަޔަކު އައްޔަންކޮށްފައެވެ.

ރާއްޖެއާއި ޑީޕީ ވޯލްޑްގެ ގުޅުން

އިންޑިއާގައި އެކަނިވެސް ޑީޕީ ވޯލްޑުން މައިގަނޑު 5 ކޮންޓެއިނަރ ޓާމިނަލް ހިންގަމުން ގެންދެއެވެ. އޭގެ ތެރޭގައި މުމްބާއީގައި ހުންނަ 2 ޓާމިނަލް އާއި، މުންދުރާ އާއި ޗެންނާއީގެ އިތުރުން، ރާއްޖެއާ ވަރަށް ގާތުގައި އޮންނަ ކޮޗިންގައި ހިންގާ ޓާމިނަލް ހިމެނެއެވެ. މީގެ އިތުރުން ކަންޑްލާގެ ޓޫނާ-ޓެކްރާގައި ވެސް އާ ޓާމިނަލެއް އެޅުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ޑީޕީ ވޯލްޑް ނުވަތަ ޑުބާއީ ޕޯޓްސް އަކީ ރާއްޖޭގައި ބިޔަ މަޝްރޫއުތަކެއް ހިންގަން ޝައުގުވެރިކަން ފާޅުކޮށް، އެކަމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ތިލަފުށީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓެއް ހެދުމަށް ޑީޕީ ވޯލްޑާއެކު އެމްއޯޔޫއެއްގައި ސޮއިކުރިއެވެ. އަދި ފްރީ ޒޯނެއް ތަރައްޤީ ކުރުމުގެ ވާހަކަތައްވެސް ވަރަށް ބާރަށް ދެކެވުނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައިވެސް މަޝްވަރާތައް ކުރެވިފައިވެއެވެ.