ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް މަޖައްލާ"ޓައިމް" މެގަޒިންއިން ހޮވާ، ޞިއްޙީ ދާއިރާއިން ދުނިޔެއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ގެންނަވާ 100 ލީޑަރުންގެ ލިސްޓު ނުވަތަ "ޓައިމް 100 ހެލްތު ލިސްޓް 2026" ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅު ހިމަނައިފިއެވެ.
މި ޝަރަފު ރައީސް މުޢިއްޒަށް އެރުވުނު މައިގަނޑު ސަބަބަކީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަމައެކަނި "ބަލިވުމުން ފަރުވާ ދިނުމަށް" (ކިއުރެޓިވް) ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، "ބަލިވުމުގެ ކުރިން ރައްކާތެރިވުމަށް" (ޕްރިވެންޓިވް) އިސްކަންދޭ ނިޒާމަކަށް ފުރޮޅާލެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކެވެ. ޓައިމް މެގަޒިންއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވެފައިވަނީ، "ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތައް ޒަމާނުއްސުރެ ބިނާވެފައި އޮތީ ބަލިވުމުން ފަރުވާ ދިނުމަށް ކަމަށާއި، ނަމަވެސް މި ސަރުކާރުން ރައްކާތެރިވުމާއި ފަރުވާދިނުން ހަމަހަމަކޮށް ކުރިއަށް ގެންދިއުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާނެ" ކަމަށެވެ.
މިގޮތުން ޓައިމްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ދުންފަތާ ދެކޮޅަށް ރާއްޖެއިން އެޅި ހިތްވަރުގަދަ ފިޔަވަޅަށެވެ. 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ފަހުން އުފަންވެފައިވާ އެއްވެސް ކުއްޖަކަށް، އެކުދިންގެ ޢުމުރުން ކިތަންމެ ދުވަހެއް ވިޔަސް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް، "ޓޮބެކޯ ފްރީ ޖެނެރޭޝަން" ނުވަތަ ދުންފަތަށް ނުވަންނަ ޖީލެއް ބިނާކުރުމަށް ނިންމި ނިންމުމަކީ ދުނިޔޭގެ ނިސްބަތުންވެސް މަދުން ނޫނީ ނުފެންނަ ފަދަ ކެރުންތެރި ނިންމުމެކެވެ. ރާއްޖޭގެ އާބާދީގެ 25 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާއިރު، އަދި އޭގެ ތެރެއިން ސްކޫލް ކުދިންގެ މެދުގައި މި ވަބާ އަށަގެންފައިވާ މިންވަރު މަތިކަމުން، މި ފިޔަވަޅު ނާޅައި ދޫކޮށްލެވެން ނެތްކަން ތަފާސްހިސާބުތަކުން ދައްކައެވެ. އިޤްތިޞާދީ މާހިރުން ލަފާކުރައްވާ ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ ކޮންމެ އެއް ޑޮލަރުގެ ހޭދައަކުން، ޞިއްޙީ ފަރުވާގެ ޚަރަދުން 3 ޑޮލަރާއި 4 ޑޮލަރާ ދެމެދުގެ މިންވަރެއް ސަލާމަތް ކުރެވޭނެއެވެ. އަދި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ޞިއްޙީ ފަރުވާގެ ޚަރަދުން 15 އިން 20 އިންސައްތަ ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީއަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. 24 ގަޑިއިރު ހިލޭ ގުޅޭނެ ޤައުމީ ހެލްޕްލައިނެއް ޤާއިމުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް، ކަމުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. މި ޚިދުމަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަހެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ކޯލް ލިބިފައިވުމުން، ދިވެހިންގެ ތެރޭގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެންދެއެވެ.
ހަމައެއާއެކު، މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ނުރައްކާތެރި ބަލިތައް ކަމުގައިވާ އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ރާއްޖެއިން ނައްތާލައި ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކަން ކަށަވަރުކޮށްދިނުމަކީވެސް ޞިއްޙީ ދާއިރާގެ ބޮޑު ކާމިޔާބީއެކެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، މާބަނޑު ދުވަސްވަރުގެ ފަރުވާ ގެ ޚިދުމަތް 95 އިންސައްތައަށްވުރެ މަތިން ފޯރުކޮށްދެވުމަކީ، ޞިއްޙީ ނިޒާމުގެ ހަރުދަނާކަން ރަމްޒުކޮށްދޭ ކަމެކެވެ.
