އޮމޭގާ-3 ނުވަތަ މަހުތެޔޮގުޅަ ސަޕްލިމަންޓަކީ ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ގިނަ ބަޔަކު އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ހާއްސަކޮށް ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި އޮމޭގާ-3 ބޭނުންކުރުމަކީ ގިނަ ބަޔަކު އިސްކަންދޭ ކަމެކެވެ. ނަމަވެސް، ދާދި ފަހުން ކުރެވުނު ދިރާސާއަކުން މިކަމާ ގުޅޭގޮތުން ވަނީ ހައިރާންކުރުވަނިވި ހަގީގަތްތަކެއް ހާމަވެފައެވެ.
އެމެރިކާގެ "މިޝިގަން މެޑިސިން - ޔުނިވަރސިޓީ އޮފް މިޝިގަން" ގެ ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި، ތެޔޮގުޅައިގަ ހިމެނޭ އޮމޭގާ-3 ފެޓީ އެސިޑުން ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން ބިނާވެފައިވަނީ ހަށިގަނޑުގައި ހުންނަ ވަކި ހާއްސަ ޖީނެއް ނުވަތަ އެންޒައިމެއްގެ މައްޗަށެވެ. މި އެންޒައިމަށް ކިޔަނީ "އެލޮކްސް - 15" އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، ގޮހޮރުގެ ކެންސަރު އާ ދެކޮޅަށް އޮމޭގާ-3 ގެ ބާވަތްތައް ކަމަށްވާ އީ.ޕީ.އެޗް އަދި ޑީ.އެޗް ހަމައެކަނި މަސައްކަތް ކުރަނީ ހަށިގަނޑުގައި "އެލޮކްސް - 15" އެންޒައިމް ހުރެގެންނެވެ. މި އެންޒައިމްގެ އެހީގައި އޮމޭގާ-3 ބަދަލުވަނީ ކެންސަރުގެ ސެލްތައް ނައްތާލުމަށް އެހީތެރިވެދޭ މާއްދާތަކަކަށެވެ. ނަމަވެސް، މި އެންޒައިމް ހަށިގަނޑުގައި ނެތް ނަމަ، ތެޔޮގުޅަ ބޭނުން ކުރުމަކީ ފައިދާގެ ބަދަލުގައި ގެއްލުން ލިބިދާނެ ކަމެކެވެ.
ދިރާސާވެރިން މީދާތަކެއް ބޭނުންކޮށްގެން ކުރި ތަހުލީލުތަކުން ފާހަގަވީ، "އެލޮކްސް - 15" ނެތް ހާލަތްތަކުގައި ތެޔޮގުޅަ ބޭނުން ކުރުމުން ކެންސަރުގެ ޓިއުމަރުތައް އިތުރަށް ބޮޑުވާ ކަމެވެ. ހާއްސަކޮށް އޮމޭގާ-3 ގެ ބާވަތެއް ކަމަށްވާ ޑީ.އެޗް ބޭނުން ކުރުމުން މި ނުރައްކާ ބޮޑުވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ސިއްހީ މާހިރުންނާއި އާންމުން ވެސް ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ.
މި ހޯދުންތަކުން އެނގިގެންދަނީ ހުރިހާ ސަޕްލިމަންޓްތަކަކީ އެންމެންނަށް އެއްގޮތަކަށް ފައިދާ ކުރާނެ އެއްޗެއް ނޫން ކަމެވެ. ކޮންމެ މީހެއްގެ ވެސް ޖެނެޓިކްސް ނުވަތަ ހަށިގަނޑުގެ އުފެދުން ހުންނަ ގޮތުން، ބައެއް މީހުންނަށް އޮމޭގާ-3 އިން ނުހަނު ބޮޑަށް ފައިދާ ކުރާއިރު، އަނެއް ބަޔަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮއްފާނެއެވެ. އެހެންކަމުން، އެއްވެސް ބާވަތެއްގެ ސަޕްލިމަންޓެއް ދާއިމީ ގޮތެއްގައި ބޭނުން ކުރަން ފެށުމުގެ ކުރިން، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ. އަމިއްލަ ހަށިގަނޑުގެ ބޭނުންތަކާއި އުފެދުން ހުރި ގޮތް ދެނެގަނެގެން ސިއްހީ ފަރުވާ ކުރިއަށް ގެންދިއުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް އެންމެ ރަނގަޅު މަގެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026
