ކުރިއަށް އޮތް ރޯދަ މަހާއި އެ މަހަށް ފަހު އަންނަ ހަ ރޯދައިގެ ދުވަސްތަކުގައި މަރުކަޒީ ބޭންކް، އެމްއެމްއޭ ހުޅުވާފައި ހުންނާނެ ގަޑިތައް އެ އޮތޯރިޓީން މިއަދު އިއުލާންކޮށްފިއެވެ. އެމްއެމްއޭ އިން ބުނީ މި މުއްދަތުގެ ތެރޭގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު ފަހު 01:00 އަށް ކަމަށެވެ.
އެމްއެމްއޭ އިން ދޭ ބޭންކިން ހިދުމަތްތަކާއި، ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އެހެންކަމުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެ ގަޑިތަކަށް ސަމާލުވުމަށް އެ އޮތޯރިޓީން އެދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ. ރޯދަ މަހަކީ ސަރުކާރުގެ އޮފީސްތަކާއި ބޭންކުތަކުގެ މަސައްކަތު ގަޑިތަކަށް ބަދަލު އަންނަ ދުވަސްވަރެކެވެ.
