ކަޅުނަސްލުގެ އެމެރިކާ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ކަރުގައި ކަކޫ އެޅި ފުލުސް އޮފިސަރު ޑެރެކް ޗައުވިން 22 އަހަރާއި ފަސް މަސް ދުވަހަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ. ފްލޮއިޑްގެ ކަރުގައި ކަކޫ އެޅުމުގެ ސަބަބުން ނޭވާ ނުލެވިގެން އޭނާ ވަނީ މަރުވެފައެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގައި ވަރަށް ވަރުގަދަ މުޒާހަރާތަކެއް މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ދިޔައެވެ.

ޗައުވިންގެ ވަކީލު ޝަރީއަތުގައި ބުނެފައި ވަނީ އިންސާފު ގާއިމު ކުރުމަކީ މުޖުތަމައުން ކަމަކާއި ގުޅޭ ގޮތުން ދެކޭ ގޮތެއްގެ މައްޗަށް ބިނާކޮށް ހުކުމެއް އިއްވުން ނޫން ކަމަށެވެ. ޗައުވިންގެ މައްޗަށް ކުށް ސާބިތުކޮށް ހުކުމް އިއްވަނީ މުޖުތަމައުގެ ތެރެއިން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ކަމަށް އޭނާގެ ވަކީލު ވަނީ ބުނެފައެވެ.

ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު، ޕީޓާ ކޭހިލް ވިދާޅުވީ މައްސަލަ ބެލުމުގައި އާއްމުން މި މައްސަލައިގައި ދެކޭ ގޮތުގެ މައްޗަށް އެއްވެސް ވަރަކަށް ބަލާފައެއް ނުވާނެކަމަށެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން ޗައުވިން ހުރީ ފުލުހުންގެ ވަޒީފާ އިންވެސް ވަކިކޮށްފައެވެ.

ޗައުވިންގެ މައްޗަށް ދިގު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތުވުމުން އެކުށްތަކުގެ އަދަބެއްގެ ގޮތުންނެވެ. އޭނާގެ މައްޗަށް އުފުލީ މަރާލުމުގެ ގަސްދެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށުގެ ދައުވާ އާއި ގާނޫނާއި ހިލާފަށް ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ އާއި ފަރުވާކުޑަ އަމަލެއް ކުރުމުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބުމުގެ ދައުވާއެވެ.

ޗައުވިންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވުމުން އޭނާގެ މައްޗަށް 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު ގާނޫނުން ލިބުނެވެ. ނަމަވެސް ޕްރޮސެކިއުޓަރުން އެދުނީ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.

ނަމަވެސް އެއަށްވުރެ ކުޑަ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައި މައިގަނޑު ސަބަބަކީ މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތުމެވެ.

ޗައުވިންގެ މައްޗަށް ހުކުމް ކުރީ ހުކުމުގެ ތިން ބައިކުޅަ ދެބައި ފުރިހަމަ ކުރުމުން އަހްލާގު ރަނގަޅު ނަމަ މައާފް ލިބޭ ގޮތަށެވެ.

އެމެރިކާގައި ފުލުހުންގެ ހަމަލާތަކުގައި އާއްމުން މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ވަރަށް ހާލަތެއްގައި ނޫނީ އެފަދަ ފުލުހުންގެ މައްޗަށް ދައުވާ ވެސް ނުކުރެއެވެ.