ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު ބޮޑު ކުރޫޒް ލައިނާއެއް ކަމަށްވާ "ކުއީ އޭން" މިއަދު ރާއްޖެ އަތުވެއްޖެއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް އައި ފަސްވަނަ ކުރޫޒް ލައިނާއެވެ. ސީޝެލްސް އިން ފުރައިގެން ރާއްޖެ އައި މި ބޯޓުގައި 2،669 ޓޫރިސްޓުންނާއި 1،235 ކުރޫއިން ތިބި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓް (މާޔާ) އިން ބުންޏެވެ.

މިއަދު ހެނދުނު 6:00 ގައި މާލެ ސަރަހައްދުގައި ބަނދަރުކުރި މި ބޯޓުން އައި ޓޫރިސްޓުން މިހާރު ދަނީ މާލެއަށާއި ކައިރި ރިސޯޓްތަކަށް ފައިބަމުންނެވެ. މި ޓޫރިސްޓުންނަށް ހާއްސަކޮށްގެން މާލޭގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްދާއިރު، މި ބޯޓު ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 6:00 ގައެވެ. މާޔާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލީ ބުނީ މާދަމާ ހެނދުނުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު އިތުރު ކުރޫޒް ލައިނާއެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 312،343 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 5.6 ޕަސަންޓު އިތުރު އަދަދެކެވެ. ރާއްޖެއަށް ކުރޫޒް ލައިނާތަކުގައި އަންނަ ޓޫރިސްޓުން އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.