މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 50،000 އަށް އަރަން ކައިރިވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް އެ ގައުމުން 49،704 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި 40،141 ޓޫރިސްޓުންނާއެކު ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ އިޓަލީއެވެ. އެ ގައުމުން މިހާތަނަށް 34،320 ޓޫރިސްޓުން ވަނީ އައިސްފައެވެ. ޖުމްލަ ގޮތެއްގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 349،990 ޓޫރިސްޓުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 7.5 ޕަސަންޓު އިތުރުވުމެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުތައް އިތުރުވަމުންދާއިރު، އެންމެ ގިނަ މީހުން އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 345،575 ޓޫރިސްޓުން އެ އެއާޕޯޓުން އެތެރެވިއިރު، މާފަރު އެއާޕޯޓާއި ގަން އެއާޕޯޓުންވެސް އަންނަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން އެތެރެވަމުންނެވެ. މިހާރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 179 ރިސޯޓާއި 900 އަށްވުރެ ގިނަ ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ.