ދައުލަތުގެ އިދާރާތަކުގެ ހިދުމަތްތަކުގައި ޑިޖިޓަލް އަދި އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ބޭނުންވާ ގައުމީ އޮނިގަނޑު ފަރުމާކުރުމަށްޓަކައި ހާއްސަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. "ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭ" ގެ ނަމުގައި ބާއްވާ މި ބައްދަލުވުމަކީ ސަރުކާރުގެ އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މަސައްކަތު ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ "މޯލްޑިވްސް 2.0" ޑިޖިޓަލް އެޖެންޑާގެ ދަށުން ބާއްވާ ބައްދަލުވުމެކެވެ. މައިންޑްކޯ އާއި އިތުރު އިދާރާތައް ގުޅިގެން ބާއްވާ މި ސެޝަން އޮންނާނީ މި މަހުގެ 16 ވާ ހޯމަ ދުވަހު މީރުމާ ހޯލުގައެވެ. މީގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޭއައި ގާބިލުކަން އިތުރުކޮށް، ހިދުމަތްތައް ޒަމާނީ ކުރުމެވެ.

މި ބައްދަލުވުމުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތަކުގައި އޭއައި ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މަގުޗާޓެއް އެކުލަވާލުމަށް މަގުފަހިވާނެއެވެ. މައިންޑްކޯ އިން ބުނީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެނެވޭ މިފަދަ އިންގިލާބީ ބަދަލުތަކަކީ ފަންނީ ފަރާތްތަކުގެ ލަފަޔާ އެކު އެންމެންގެ ބައިވެރިވުން އޮވެގެން އެކުލަވާލާ އޮނިގަނޑަކަށް ވުން މުހިންމު ކަމަށެވެ. މީގެ ސަބަބުން މުޅި ގައުމަށް ފައިދާހުރި ދެމެހެއްޓެނިވި ޑިޖިޓަލް ނިޒާމެއް ގާއިމުކުރެވޭނެއެވެ.